ފިލިޕިންސްގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ދިވެއްސެއްގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އެ އެކްސިޑެންޓުވެ ބޮޑެތި ޒަޚަމްތަކެއް ލިބުނީ ފުވައްމުލަކަށް ނިސްބަތްވާ ލުހައިމް މުހައްމަދު އިސްމާއީލް 21، އަށެވެ. އޭނާއަކީ ފިލިޕީންސްގެ ސެބޫ ސިޓީގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ދަރިވަރެކެވެ.

މި ހާދިސާ ހިނގީ ލުހައިމް ދުއްވާފައި ދިޔަ ސައިކަލަކާއި އެހެން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ.

އޭނާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު މިއަދު ބުނީ އެ އެކްސިޑެންޓްގައި ލުހައިމްގެ ދެ ފައި ބިނދި، ބޮލަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ކުރަން ޖެހޭ އޮޕަރޭޝަންތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"މިހާރު އޭނާގެ ހާލު ވަރަށް ކްރިޓިކަލް. އެ ހާދިސާ ހިނގުމާ ގުޅިގެން އާއިލާގެ ބައެއް މީހުން މިހާރު ވަނީ ފިލިޕިންސްއަށް ގޮސްފައި،" އޭނާ ބުންޏެވެ.

ލުހެއިމް ހަދަމުންދިޔަ ޕައިލެޓް ކޯހުގެ ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. އަދި މި ހާދިސާ ހިނގިއިރު އޭނާ ދިޔައީ ފްލައިޓް ދުއްވުމުގެ ޓްރެެއިނިންއަށް ތައްޔާރުވަމުންނެވެ.