ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒިން) ގެ އުފަންދުވަސް ފާހަގަކުރަން އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގައި އޭނާއަށް ޕާސަނަލް ސެކިއުރިޓީ ދީފައިނުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑު ސަރަހައްދުގައި ހަވާ އެރުވިއިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާނެ ކަމަށެވެ.

ނަމަވެސް ކައިޒީންއަށް ވަކިން ޕާސަނަލް ސެކިއުރިޓީ ދީފައިނުވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.

"އެ އިވެންޓާ ގުޅިގެން ޕާސަނަލް ސެކިއުރިޓީ އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައި ނުވާނެ،" ފުލުހުން ބުންޏެވެ.

ކައިޒީންގެ އުފަން ދުވަސް ފާހަގަކުރުމަށް އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ހަވާ އަރުވާތީ މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ މީހުން އެ ސަރަޙަށްދަށް ޖަމާވި އެވެ.

ކައިޒީންގެ އުފަންދުވަސް ފާހަގަކުރަން ވިޔަފާރި އުސޫލުން ހަވާ އަރުވައި ދިނީ އެމްއެމްޑީއެފްގެ ފަރާތުންނެވެ.

އެ ހަރަކާތަށް ކައިޒީން އުސްފަސްގަނޑަށް ޕްރައިވެޓް ކާރެއްގައި ދިޔައިރުގައާއި އޭނާ އުސްފަސްގަނޑު ސްޓޭޖަށް އެރިއިރު އާއި އެ ހަރަކާތަށް ފަހު އެނބުރި ގެއަށް ދިޔައިރު ވެސް ގިނަ އަދަދެއްގެ މީހުން ސެކިއުރިޓީ ދެމުން އަންނަތަން ފެނިގެންދެ އެވެ. އަދި އެފަދަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

އެހެންވެ، ބައެއް މީހުން ފާޑުކިޔައި ބުނެފައި ވަނީ, ކައިޒީންއަށް ފުލުހުން އެ ވަރުގެ ސެކިއުރިޓީއެއް ދޭން ޖެހުނު ސަބަބު ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.