އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ދާ ދިވެހިން ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައިވާ އުސޫލްތަކާއެއްގޮތަށް އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިއަހަރުގެ ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރާ އުމްރާވެރިންނާއި، އުމްރާގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އިރުޝާދުތައް ބަޔާންކޮށް، ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން މިދިޔަ މަހުގެ 22 ވަނަ ދުވަހު މިނިސްޓްރީއަށް ފޮނުވާފައިވާ ސާކިޔުލަރއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ގެފުޅަށް ޒިޔާރަތްކުރާ އެންމެހައި އުމްރާވެރިންނަށް އުމްރާގެ ފަރުޟު އަދާކުރެވޭނެ މަގު ފަސޭހަކުރުމަށާއި، އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެ އިންތިޒާމްތަކާ އެއްގޮތަށް އަދި ހަރަމްފުޅުގެ މައިގަނޑު މަގްސަދާ ވެސް އެއްގޮތަށް އަޅުކަންކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ދިވެހި އެންމެހައި އުމްރާވެރިންގެ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާގެ އަޅުކަން އަދާކުރާ އެންމެހައި އުމްރާވެރިން ހަމަޖެހިފައިވާ އުސޫލުގެ ދަށުން "ތަވައްކަލްނާ" އަދި "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓް ހައްދަން ޖެހޭ ކަމަށެވެ. އަދި ގެފުޅުގެ ވަށައިގެން ތަވާފުކުރާ ސަރަހައްދާއި، ފަހުދު ރަސްގެފާނު ދޮރާށިކޮޅާއި، އުމްރާ ދޮރާށިކޮޅާއި، އަބްދުލް އަޒީޒް ރަސްގެފާނު ދޮރާށިކޮޅާއި، އައްސަލާމް ދޮރާށިކޮޅާއި އަދި މަރުވާ ދޮރާށިކޮޅު، އެންމެހައި އުމްރާކުރާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާކަން ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.

މީގެ އިތުރަށް ހަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއާއި، ސައޫދީ އަރަބިއްޔާގެ ރިޔާސަތުން ހަރަމްފުޅު ބޮޑުކުރުމުގެ ތިންވަނަ މަޝްރޫއުގެ ތެރެއިން އަލަށް އިމާރާތް ކުރެވިފައިވާ ތިންވަނަ ފަންގިފިލާއާއި، ހަރަމްފުޅުގެ ބޭރުގައިވާ މިސްކިތުގެ ހާއްސަ ސަރަހައްދުތަކާއި، ޖަބަލުލް ކައުބާއާއި، އައްޝުބައިކާގެ މަގުތައް ނަމާދުކުރާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާކަން ވެސް ބަޔާނުގައި އިސްލާމިކް މިނިސްޓްރީން ފާހަގަކުރެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ދުއްވާ އުޅަނދުތަކާއި ހިނގާބިގާވެ އުޅޭ މީހުން ވަކިކުރުމުގެ އިންތިޒާމު ފުރަތަމަ ރިންގް ރޯޑުގައި ހަމަޖެހިފައިވާ ކަމާއި، އުމްރާގެ އަޅުކަމުގެ ރޫހާ ހިލާފު ކަންކަން ހިނގާނަމަ، ކަމާއިބެހޭ ފަރާތްތަކުން އެ ކަންކަމަށް ފަރުވާތެރިވެ އެކަންކަމާމެދު ފިޔަވަޅު އަޅާނެކަން ހަނދާންކޮށްދީފަ އެވެ.

ރާއްޖެއިން މިއަހަރުގެ ރޯދަ މަހުވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ ބަޔަކު އަންނަނީ ދަތުރުކުރަމުންނެވެ.