މަޝްހޫރު ތަމަޅަ އެކޓަރު ތަލަޕަތީ ވިޖޭ އިންސްޓަގްރާމް އެކައުންޓް ހުޅުވިތާ 24 ގަޑިއިރުގެ ތެރޭގައި ހަތަރު މިލިއަން ފޮލޯވަރުން ލިބިއްޖެ އެވެ.

އެހެން ގިނަ ތަރިންނާ ހިލާފަށް އިންސްޓަގްރާމްއާ ދުރުގައި ހުންނަ ތަމަޅަ އެކްޓަރު ތަލަޕަތީ ވިޖޭ އެންމެ ފަހުން ވަނީ އިންސްޓަގްރާމް އެކައުންޓެއް ހުޅުވާފަ އެވެ. އިންސްޓަގްރާމް އެކައުންޓް ހުޅުވާ ފުރަތަމަ ޕޯސްޓާއެކު ގިނަ ބަޔަކު އޭނާ އަށް ވަނީ ފޮލޯކުރަން ފަށާފަ އެވެ. އެގޮތުން 24 ގަޑިއިރު ތެރޭގައި ހަތަރު މިލިއަން ފޮލޯވަރުން ވަނީ ލިބިގެން ގޮސްފަ އެވެ.

ވިޖޭ ވަނީ އޭނާގެ ފުރަތަމަ ފޮޓާއެކު ހިއްސާކުރި ޕޯސްޓްގައި ލޔެފައިވަނީ "ހެލޯ ނަންބާސް އެންޑް ނަންބިސް" އެވެ.

ވިޖޭ އިންސްޓަގްރާމަށް ވަނުމުން، އޭނާގެ ފޭނުންނާއި އިންޑަސްޓްރީގައި އުޅޭ ފަރާތްތަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އެކްޓަރު އަމިއްލަ އިންސްޓާ އެކައުންޓެއް ހުޅުވުމުން، އޭނާގެ މަގުބޫލުކަން ގެނެސްދޭ ބުރަކަމުން ފިލްމުގެ ޕަބްލިސިޓީ އެއްފަހަރާ ލިބޭނެކަން ޔަގީނެވެ.

ޓްވިޓާ މެދުވެރިކޮށް ފޭނުންނާ މުއާމަލާތް ކުރަމުން ދިޔަ ވިޖޭ ދުވަސްކޮޅަކަށް ބްރޭކެއް ނަގާފައިވާތީ އިންސްޓަގްރާމް އަށް ވަނުމަކީ އޭނާއަށް ފޮޓޯ އާންމުކުރުމާއި ފިލްމުތައް ޕްރޮމޯޓް ކުރުމަށް އާ މަގެއް ކަމަށް ބެލެވެ އެވެ.

https://www.instagram.com/p/Cqh9BT6S59A/?utm_source=ig_embed&ig_rid=56fbe301-ceb1-4b44-8ec2-63b0c7876414

ވިޖޭގެ ފޭސްބުކްގައި 7.8 މިލިއަން ފޮލޯވަރުންނާއި ޓްވިޓާގައި 4.4 މިލިއަން ފޮލޯވަރުން އެބަތިއްބެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ރަޝްމިކާ މަންދާނާ އާ އެކު ވަމްޝީ ޕައިޑިޕައްލީ ޑައިރެކްޓްކުރި "ވަރިސޫ" އިންނެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 300 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ބްލޮކްބަސްޓާ ހިޓް ފިލްމެކެވެ.