ޕީޕީއެމުން ޖުމްހޫރީ ޕާޓީ ފަހަތަށް ނާރާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް، ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

އަދުރޭ ކުރެއްވި ޓުވީޓުގައި ވަނީ ގައުމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅުން އެ ކޯލިޝަނާ ގުޅިވަޑައިގަތުމަށް އަދުރޭގެ ޓުވީޓްގައި ދައުވަތު ދެއްވާފަ އެވެ. އެއީ ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށާއި އަދި އެއީ ރައީސް ޔާމީން ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ދެންނެވިން އަޅުގަނޑުމެން ނާރާނަމޭ ގާސިމްގެ ފަހަތަކަށް. ޕީޕީއެމުން ނުކުންނާނީ ވެރިކަމަށް. ޕީޕީއެމްގެ ކެންޑީޑޭޓަކީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އަންނަނީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާތައް ބާއްވަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް އެފަދަ ބައްދަލުވުންތައް ބައެއް ފަރާތްތަކާއެކު ބާއްވާ މަޝްވަރާތައް ކޮށްފައިވެ އެވެ.