ވިލިމާލޭގައި ބަގީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވައިފި އެވެ.

މިކަމާ ގުޅިގެން ވިލިމާލޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި، ބަގީގެ ހިދުމަތް ފައްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ބަގީގެ ހިދުމަތް ފެއްޓެވި ނަމަވެސް، މިކަން ކުރިން ހަމަޖެހުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ދިމާވި ދަތިތަކާ ގުޅިގެން މި މަސައްކަތް ފެށުން ވަނީ ލަސްވެފަ އެވެ.

މީގެ ކުރިން މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހާއި ފިތުރު އީދު ނިމެންދެން ބަގީގެ ހިދުމަތް ދޭނީ ހިލޭ ކަމަށެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަނީ. ފޮޓޯ: ސިޓީ ކައުންސިލް

"ބަސްރޫޓުގެ ތެރެއިން ދަތުރުކުރަންޏާ ހިލޭ ދަތުރުކުރެވޭނީ. ޕްރައިވެޓް ހަޔާއަށް ހަމަ ފައިސާ ދައްކައިގެން ދަތުރުކުރަން ޖެހޭނީ،" މޭޔަރު ވިދާޅުވިއެވެ.

ބަގީގެ ހިދުމަތުގެ އަގުތައް

4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

ވިލިމާލޭގައި ބަގީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަނީ. ފޮޓޯ: ސިޓީ ކައުންސިލް

ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.