ރައީސް މުހައްމަދު ނަޝީދަށް 2021 ވަނަ އަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލަގައި ގައުމީ ދިފާއީ ބާރު ފެއިލްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރުދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޝިޔާމް ކުރެއްވި ސުވާލަކީ މޭ ހައެއްގެ ހަމަލާގެ މައުލޫމާތު ލިބިވަޑައިގެން ހުންނަވާ، ރައްޔިތުންނަށް ރައްކާތެރިވުމަކީ ވަޒީރު ފެއިލްވުންކަމަށް ގަބޫލު ނުކުރަންތޯ؟ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ފެއިލްވެފައި ވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި، ފެއިލްވި ކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ކަމުގައި ވާނަމަ ގާނޫނީ ފިޔަވަޅު މަޖިލީހަސް އެޅޭނެ ކަމަށެވެ.

"ފެއިލްވިއޭ ދަންނަވާތީ، އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ގަބޫލެއް ނުކުރަން،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ބިދޭސީ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލާ މީހުނަށް އިހާނެތިކޮށް ކަންތައް ކުރުމަކީ ތާއީދު ކުރައްވާ ކަމެއްތޯ؟އާއި ސަލާމަތީ ބާރުތަކަށް ހިދުމަތްކޮށް، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރި ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މާފަށް އެދެންޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރަންތޯ؟ އަހުމަދު ޝިޔާމް މާރިޔާއާއި ސުވާލުކުރެއްވި އެވެ. އެހެންނަމަވެސް އެސުވާލުތަކަށް އެދެވޭ ޖަވާބެއް ނުދެއްވާ މާރިޔާ ދެއްވީ ވަރަށް ފިނި ޖަވާބެކެވެ.

މާރިޔާ ވިދާޅުވީ ވަޒީރެއްގެ ހައިސިއްޔަތުން އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އަދި، އަމިއްލަ ހައިސިއްޔަތުން ކުރާ ކަމަކާ މެދު ސުވާލު ކުރެވޭނީ އެކަމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ތުހުމަތު ކުރެވޭނަމަ، ނުވަތަ އެކަމަކީ ސަރުކާރާއި، ރައްޔިތުންނަށް ގެއްލުން ހުރި ކަމެއް ކަމަށް ތުހުމަތި ކުރެވޭ ކަމެއް ކަމުގައިވާނަމަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާގައި ޑިފެންސް މިނިސްޓަރ ފެއިލްވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވި އިރު މިދިޔަ މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑް އިދިކޮޅު މުޒާހަރާތެރެއިން ވަނީ ހިފަހައްޓަފައި އެވެ. އަދި އެކަމުގައިވެސް ޑީފެންސް މިނިސްޓަރު ފެއިލްވެފައިވާ ކަަމށް އާންމުން ބުނެއެވެ.

އެހެންނަމަވެސް މާރިޔާ ވިދާޅުވީ އެކަމުގައި ޑިފެންސް މިނިސްޓަރުގެ ބޮލުގައި ޒިންމާ ނޭޅުވޭނެ ކަމަށެވެ.