ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާއިން ހުރަސް އެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ޑީފެންސް މިނިސްޓަރާ މިއަދު ސުވާލުކުރެއްވުމުން ޖަވާބުދެއްވުމަށް ދެކޮޅު ހައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑް ހުއްޓުވީ ދުރާލާ ރާވައިގެން ކަމަށް ބެލެވޭތޯ އާއި އާންމުކޮށް ރޭގަނޑު މުޒާހަރާކުރާ މަގުތަކުން އެރޭ މޮޓޯކޭޑުގެ ރޫޓު ނެގުމަކީ ގަސްތުގައި ސެކިއުރިޓީ ފޯސްއިން ކުރި ކަމެއްތޯ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ރައީސް ދަތުރު ކުރާ މަގު ކަނޑައެޅުމަކީ ވަޒީރު ކުރާ ކަމެއް ނޫން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ރޫޓު ނިންމުން އެއީ ދިފާއީ ވަޒީރެއް ކުރާކަމެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.

ރައީސްގެ މޮޓޯކޭޑްގެ މައްސަލައާއި ގުޅޭގޮތުން ސައީދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަން މާރިޔާ ދެކޮޅުހައްދަވާ ވިދާޅުވީ އެއީ ވަޒީރުންނާއި ސުވާލުކުރުމުގެ ތަރަހާގައި ހިމެނޭ ސުވާލެއް ނޫން ކަމަށެވެ. އަދި އެ ސުވާލުތަކަށް ތަފްސީލީ ޖަވާބެއް ޑިފެންސް މިނިސްޓަރު ނުދެއްވައެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަ އެމްއެންޑީއެފްއިންނާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ތަހުގީގުކުރަމުންގެންދާ ކަމަށެވެ.

ރައީސް ދަތުރުކުރެއްވި މޮޓޯކޭޑް ހުއްޓުވި މައްސަލާގައި އާންމުންގެ ފަޑުކިޔުން މާރިޔާ އަށް އަމާޒުވުމުން ވިދާޅުވީ، އެކަމުގައި ޑިފެންސް މިނިސްޓަރު ބޮލަށް ޖަހާނީ އޭނާ އަންހެނަކަށް ވީތީ ކަމަށެވެ.

އެ މައްސަލާގައި މިހާރު ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ޕީޕީއެމްގެ މުޒާހަރާ ހިނގަމުން ދަނިކޮށް އެތަނަށް ރައީސްގެ މޮޓޯކޭޑް ވަނުމުން މުޒާހަރާގެ ބައިވެރިން ވަނީ އެއަށް ހުރަސް އަޅައިފަ އެވެ. މިކަމާ ގުޅިގެން ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު އެ މައްސަލަ ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.