މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި އަހަރުގެ ފިތުރު ޒަކާތުގެ ދައްކަންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00އާ ހަމައަށެވެ.
ޒަކާތް ބަލައިގަތުން އޮންލައިންކޮށް ވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އުރީދޫގެ އެމްފައިސާ، އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން އާއްމުކުރި ފާއިތުވި ހަތަރު އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 1،310،160 ރުފިޔާ ލިބިފައިވާއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނީ 1,092,547 ރުފިޔާ އެވެ.