ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިއަދު އުމްރާއަށް ދާން ތައްޔާރުވެ ތިބި މީހުންނަށް ނުފުރި މިއަދުގެ ދަތުރު ކެންސަލް ކުރި ފަހުން ވިސާ ހަމަޖެހިއްޖެ އެވެ.

އެ ގްރޫޕުގެ ހަވާލުގައި ފުރަން ތިބި މީހުންނަށް ސައޫދީ އަރަބިއްޔާއިން ވިސާ ހަމަނުޖެހުނުއިރު ފްލައިޓްތަކުގެ ޖާގަ ވަނީ ފުލްވެފަ އެވެ.

ސަފާ ގްރޫޕްގެ ހަވާލުގައި 181 މީހުން އުމްރާއަށް ދާން އެބަތިއްވެވެ. އެ އެންމެން ވެސް ފުރުމަށް ހަމަޖެހިފައި އޮތީ މިއަދު ފުރަން އޮތް 3 ފްލައިޓަކުން ކަމަށާއި މިހާރު އެ ފަރާތްތަކަށް ފްލައިޓްތަކުން ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގްރޫޕުން ބުނެ އެވެ.

ސަފާ ގްރޫޕުން މީގެ ކުރިން ބުނެފައި ވަނީ މިއަދު ފުރާ ވަގުތާ ހަމައަށް އައިރު ވެސް ސައުދީގެ އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގުރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރުން ކެންސަލްވެފައިވާ ކަމަށެވެ. އަދި އެ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދާ އެއްވެސް މީހަކު ފުރަން އެއާޕޯޓަށް ނުދިއުމަށް ވަނީ އަންގާފަ އެވެ.

އުމްރާއަށްދާ މީހުންގެ ފޮށިތައް މިއަދު ހެނދުނު 10:00 އާއި 12:00 އާ ދޭތެރޭ ލިބެން ހުންނާނެ ކަމަށް ވެސް ސަފާ ގުރޫޕުން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވިސާ ނުލިބުމުގެ މައްސަލަ މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.