ދެހާސް ބާރަ ވަނަ އަހަރު އިސްތިއުފާދެއްވިފަހުން އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ފުރަތަމަ ފަހަރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބައްދަލުވެވިއްޖެ އެވެ.

އެ ދެ ބޭފުޅުންނަށް ބައްދަލުވެވުނީ މިއަދު ސައުދީ އެމްބަސީން ބޭއްވި ރޯދަވީއްލުމެއްގަ އެވެ. ނަޝީދާއި ޑރ. ވަހީދު ވެސް އެ ބައްދަލުވުމުގައި ތިއްބެވީ ކައިރި ކައިރީގަ އެވެ.

އެމްޑީޕީން ތުހުމަތުކުރާގޮތުގައި ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓައިލީ އެވެ. އެކަމުގައި އިސްކޮށް އުޅުއްވީ ޑރ. ވަހީދު ކަމަށް އެ ޕާޓީން ތުހުމަތުކުރެ އެވެ. ނަމަވެސް ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުން ނިންމީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. އެ ކޮމިޝަނުން އެގޮތަށް ނިންމީ ނަޝީދުގެ މަންދޫބަކު ވެސް ބައިވެރިކޮށްގެންނެވެ.

އެ ބައްދަލުވުމަށްފަހު ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު އެ ބައްދަލުވުމާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ.