ސުޕަހިޓް ފިލްމު "ޕުޝްޕާ"ގެ ދެވަނަބައިގެ ޓީޒާ މާދަން ދައްކާލާނެކަމުގެ އިޝާރާތެއް ފިލްމު ޕްރޮޑަކްޝަނުން ކޮށްފި އެވެ.

އައްލޫ އަރުޖުން އާއި ތެލުގޫ ތަރި، އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަންނާ ލީޑު ރޯލުން ފެންނަ "ޕުޝްޕާ: ދަ ރައިޒް" ފިލްމަށް ވަނީ މުޅި ދުނިޔެއިން ވެސް ބޮޑު ތަރުހީބެއް ލިބިފަ އެވެ. ހަމައެހެންމެ މި ފިލްމަކީ 2021 ވަނަ އަހަރު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ފިލްމުގެ ޑައިލޮގްތަކާއި އެ ފިލްމުގެ ނެށުންތައް އެކި ގައުމުތަކުގައި ވައިގައިހިފުމުގެ ސަބަބުން ފިލްމުގެ ދެވަނަ ބައެއް އުފައްދައި ރިލީޒްކުރުމުގެ މަސައްކަތް ޕްރޮޑަކްޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން ޕްރޮޑަކްޝަނުން ވަނީ ފިލްމުގެ ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުގައި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭ ރަޝްމިކާ ފެނިގެންދެ އެވެ.

އޭގެ އިތުރުން، ފިލްމުގެ ބަތަލުގެ ރޯލު ކުޅޭ އައްލޫގެ އުފަންދުވަސް، މިމަހުގެ އަށްވަނަ ދުވަހަށް ވުމުން، އޭނާގެ އުފަންދުވަހާ ގުޅިގެން ފިލްމުގެ ޓީޒާ އާންމުންނަށް ދައްކައިލުމަށް ޕްރޮޑަކްޝަނުން މަސައްކަތް ކުރަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް މިހާތަނަށް މިކަން ފިލްމުގެ ޓީމުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ޕުޝްޕާގެ ފުރަތަމަ ބަޔަށް ވުރެ ދެ ގުނަ ބޮޑު ބަޖެޓެއްގައި ފިލްމުގެ ދެވަނަ ބައި އުފައްދުމުގެ މަސައްކަތްކުރަމުން އަންނައިރު ފިލްމަށް ކުރާ އުއްމީދު ބޮޑެވެ. ފުރަތަމަ ފިލްމަށް ވުރެ ދެވަނަ ފިލްމު ވަރުގަދަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ ކުރަމުންނެވެ.