މި ރޯދަމަހު ފަހު ދިހައިގައި އުމްރާގެ އަޅުކަން އަދާކުރަން އަލް ސަފާ ގުރޫޕުގެ ހަވާލުގައި ސައުދީ އަރަބިއްޔާއަށް ދާން ތިބި މީހުންނަށް ވިސާ ހޯދުމަށް ގްރޫޕުން ދުރާލާ މަސައްކަތްކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ސަފާ ގުރޫޕުން އުމްރާއަށްދާ މީހުން ފުރުމަށް ހަމަޖެހިފައި އޮތީ އިއްޔެ އެވެ. އެހެން ނަމަވެސް އެ މީހުންނަށް ވިސާ ހަމަނުޖެހިގެން ވަނީ ފުރުން ކެންސަލްކޮށްފަ އެވެ. އަދި ދަތުރު ކެންސަލްވި ނަމަވެސް ފައިސާ އަނބުރާ ދިނުމުގެ އެއްވެސް ކަމެއް ހަމަޖެއްސި ކަމެއް އެ ޖަމާއަތުން ނުބުނެ އެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ބުނީ ވިސާ ހޯދަން ތިން މަސްދުވަސް ލިބޭއިރު ވިސާ ހޯދުމަށް އެކުންފުނިން ދުރާލާ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އުމްރާ ވިސާ އަކީ ސައުދީ ސަރުކާރުން ހުއްދަ ދީފައިވާ އެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސަފާ ގުރޫޕުގެ އުމްރާވެރިންނަށް މުގުރާފައި ވަނީ ސައުދީ ސަރުކާރުން އަދި ރާއްޖެ ސަރުކާރުން ދޭން ޖެހޭ ހުއްދައެއް ނުލިބިގެން ނޫން ކަމަށާއި ސަފާ ގުރޫޕުން ވިސާ ހޯދުމަށް އެދުނު ސައޫދީ އެޖެންސީގެ ފަރާތުން ވިސާގެ ކަންކަން ހަމަޖެހިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސަފާ ގުރޫޕުން 181 މީހަކު އުމްރާއަށް ފުރުމަށް ވަނީ ހަމަ ޖެހިފައި އެވެ. އަދި 37،500 ރުފިޔާ ކޮންމެ މީހަކު ދައްކާފައިވެ އެވެ.

ވިސާ ނުލިބުނު ކަމަށް ބުނެ ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުން 181 މީހުން އުމްރާއަށް ގެންދިއުން އެންމެ ފަހު ވަގުތު ކެންސަލް ކުރި މައްސަލަ ފެންމަތިވެފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަން ކެންސަލް ކުރިއިރު، ބައެއް ފަރާތްތަކުން ތިބީ ފުރަން އެއާޕޯޓަށް ދާ މަގުމަތީގަ އެވެ.

ފައިސާ ދައްކައި ކުރަން ޖެހޭ ކަންތައްކޮށް ނިމިފައިތިބި އުމްރާވެރިންނަށް ނުފުރޭކަން އަންގައި ކުރި އެ ގްރޫޕުން ބުނީ، ވިސާގެ މައްސަލަ ހައްލުކޮށް އުމްރާއަށް ދެވޭނެ ގޮތެއް ވޭތޯ ބަލަމުންދާ ކަމަށެވެ.

ނަމަވެސް އެ ގްރޫޕުން މިރޭ ނެރެނު ދަންނަވާލުމެއްގައި ބުނީ ވިސާ ނުލިބުމުގެ ސަބަބުން ފުރަން އޮތް ދުވަހު ނުފުރުމާއި ގުޅިގެން ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މައްކާއަށް ދެވޭނެ ގޮތެއް ވޭތޯ ކުރެވުނު މަސައްކަތުން ކުރިއެރުމެއް ނުލިބުނު ކަމަށެވެ.

އެހެން ކަމުން މި އަހަރުގެ ރޯދަ މަހުގެ އުމްރާ ދަތުރު ކެންސަލް ކޮށްފައިވާ ކަމަށް އެގްރޫޕުން ވަނީ ބުނެފަ އެވެ.

"ދަތުރާއި ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކާ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ބޭފުޅަކަށް ވެސް މި ޖަމާއަތުގެ ފަރާތުން ވަކިން ގުޅަމުން ގެންދާނެ ވާހަކަ ވެސް މައުލޫމާތަށްޓަކާ ދަންނަވަމެވެ،" ސަފާގެ އެންގުމުގައި ބުނެފައިވެ އެވެ.

ސަފާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދާ ތައްޔާރުވި މީހުންގެ ދަތުރު ކެންސަލްވި ވާހަކަ އެ ގްރޫޕުން ބުނި ނަމަވެސް، އިސްލާމިކް މިނިސްޓްރީން ވަނީ އިތުރު އަގެއް ނެގުމަކާ ނުލައި އެފަރާތްތަކުން އުމްރާއަށް މި ރޯދަ މަހު ފޮނުވުމަށް އެ ގްރޫޕަށް އަންގާފަ އެވެ.