ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ފެތުރެން ދިމާވާ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާތަކެއް ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތޯބުގައި ވިދާޅުވީ ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުން ކަމަށެވެ. ވަކިން ޚާއްސަ ގޮތެއްގައި ކެންސަރު ބައްޔާއި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު މަތިވަމުން ދިއުމަކީ، ސިއްހީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން" ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އާންމު ސިއްހަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ، ސިއްހަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް އެބަހުރި. އެއް ކަމަކީ، ކެމިކަލްތަކާއި ސިއްޙަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މިއަހަރުގެ ޞިއްޙަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރުކަމުގައިވާ "ޞިއްޙަތު އެންމެނަށް" މި ޝިއާރަކީ ރާއްޖޭގައި އަލުން ފުޅާކުރަން ޖެހިފައިވާ ޕަބްލިކް ހެލްތު ދާއިރާއާ ވަރަށް ގުޅުން ހުރި ޝިއާރެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޒާމަކީ އެންމެ ކާމިޔާބު ސިއްހީ ޚިދުމަތުގެ ނިޒާމުކަމަށް ވެސް، ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވި އެވެ.