ހުޅުމާލޭގައި ޓެކްސީއެއް ތެރޭގައި މަރާލި ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ އަދުހަމުގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފި އެވެ.

މިމައްސަލާގައި އަޑުއެހުންތައް މިހާރު ނިމިފައިވާއިރު ދެން އޮންނާނީ ހުކުމް ކުރުމެވެ. މިމައްސަލާގައި މާދަމާ ބައްވާ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 ގައި އެވެ.

ގާސިމް މަރާލި މައްސަލާގައި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައި އެވެ. އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

އަދުހަމް ވަނީ މީގެ ކުރިން ދައުވާއަށް އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އަދުހަމް ބުނެފައި ވަނީ އޭނާ އެކަންކުރީ ގަސްތުގައި ނޫން ކަމަށާއި، އެއީ އޭނާއަށް މަސްތުގެ ހާލަތުގައި ހުރެގެން ކުރެވުނު ކަމެއް ކަމަށެވެ.

މި މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ ގާސިމަށް ހަމަލާދިން ވަޅި ސަބަބާ ބެހޭގޮތުން އެކިފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މީހުން ދިރިނޫޅޭ ހިސާބެއްގައި ހިނގި އެ ހާދިސާއަށްފަހު ގާސިމަށް އެހީތެރިވުމަށް އަދުހަމް މަސައްކަތް ކުރިނަމަ، އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބެލެވުނީސް އެވެ.