ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ ދަށުން ބޮޑު ހިލަ ޖަހަން ފަށައިފި އެވެ.

ޑިސެމްބަރު 12، 2021 ގައި ހަވާލުކުރި ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއަކީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން މިރަށުގެ ބަނދަރުގެ އުތުރުން ފެށިގެން އަނބުލު ފަންނާ ހަމަޔަށް ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރު ދިގު ސަރަހައްދެއްގައި ބޮޑުހިލައިގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވެ އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ހޮނިހިރު ދުވަހު ކުރަނީ. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. އެގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބަނދަރުން ފެށި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ހިލަ ގެނެސް ތޮށިލާ ސަރަހައްދަށް ޖަމާކުރުމުގެ މަސައްކަތް ފެށީ. މިހާރު އެ ދަނީ ބަނދަރުން ފެށިގެން ތޮށިލުމުގެ މަސައްކަތްކުރަމުން،" އިސްމާއިލް ވިދާޅުވި އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ހޮނިހިރު ދުވަހު ކުރަނީ. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

އޭނާ ވިދާޅުވީ މަސައްކަތް ނުފެށި ލަސްވީ އެ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ނުލިބިގެން ކަމަށެވެ.

މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ހޮނިހިރު ދުވަހު ކުރަނީ. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

606 ދުވަހު ތެރޭގައި ނިންމަން ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތުގައި ދުނިޔޭގައި ވެސް އެންމެ ތަޖުރިބާކާރު އެއް ކުންފުނި ޑެންމާކުގެ އެމްޓީ ހޯގާޑާ އެވެ.