އެއްވެސް ފަރާތްތަކުން ދައުލަތުގެ މުދާ ކެމްޕޭންގައި ބޭނުންކުރާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހެޅުން ރަގަޅުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު މިފަދައިން ވިދާޅުވީ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންއާއި ގުޅިގެން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ތުހުމަތު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ފުއާދު ވިދާޅުވީ ކެމްޕޭނުގައި ދައުލަތުގެ މުދާ ބޭނުންކުރާ ނަމަ، އެކަން ކަމުގެ ތަފުސީލީ މައުލޫމާތާއެކު އޭސީސީއަށް މައްސަލަ ހުށަހެޅުން ރަނގަޅުވާނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު މިއިންތިހާބުގައި ވާދަކުރަނީ މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީ އެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ އިބްރާހިމް ޝާޒް އެވެ.