މިހާރަކަށް އައިސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ދިރާސާތައް ބައެއް ފަރާތްތަކުން ހުއްދަ ނުހޯދައި ކުރާތީ އެކަންނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ގޮވާލައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހުއްދަ ނުނަގާ ކަނޑާއި ކަނޑުގެ ދިރުންތަކާއި މަސްވެރި ކަމާބެހޭ ދިރާސާތައް ބައެއް ފަރާތްތަކުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތައް ދިރާސާ ކުރުމުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކުން ދިރާސާ ކުރުމުގެ ހުއްދަ މިނިސްޓްރީން ނުދެނީސް މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މިފަދަ އެއްވެސް ދިރާސާއެއް ކުރާނަމަ ގަވާއިދުގައިވާގޮތުގެމަތިން އެ ދިރާސާއެއް ފަށަން ގަސްތުކުރާ ދުވަހެއްގެ ދެ މަސް ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
ހަމައެހެންމެ ސައްހަ ހުއްދައެއް ނެތި މިފަދަ އެއްވެސް ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.