ވިސާ ނުލިބިގެން ނުފުރި ތިބި ސަފާ ގްރޫޕްގެ މީހުން އެންމެ ފަހުން މިއަދު ފުރައިފި އެވެ.

އެ ގްރޫޕްގެ އުމްރާވެރިން ސައުދީއަރަބިއްޔާއަށް ދަތުރުކުރަނީ އޮމާންގެ "ސަލާމް އެއާ"ގެ ޗާޓަ ފްލައިޓަކުންނެވެ.

ސަފާ ގްރޫޕްގެ ހަވާލުގައި މިފަހަރު ރޯދަމަހުގެ ފަހު ދިހައިގައި އުމްރާގެ އަޅުމަށް ދިއުމަށް 181 މީހުން ފައިސާދައްކާފައިވެ އެވެ. މި ގުރޫޕުގެ އުމުރާވެރިން މިމަހުގެ 6 ވަނަ ދުވަހު ފުރަން ތައްޔާރުވެފައި ވަނިކޮށް، ދަތުރު ހުއްޓާލީ ފަހު ވަގުތާ ހަމައަށް ވެސް ވިސާ ހަމަނުޖެހިގެންނެވެ. ނަމަވެސް ފާޑުކިއުންތަކާ ހެދި އިތުރު ގޮތެއް ނެތިގެން އެންމެ ފަހުން ވިސާ ހޯދައިގެން ފުރުވާލީ އެވެ.

ސަފާ ގްރޫޕުން ބުނެފައި ވަނީ ދަތުރުގެ އެހެނިހެން ހުރިހާ އިންތިޒާމްތައް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ވިސާ އާއި ޓިކެޓްގެ އިތުރުން ސައުދީގައި ތިބުމާއި އަޅުކަމާ ގުޅޭ ހުރިހާ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ސަފާ ގްރޫޕުން ބުނެފައި ވަނީ މިފަހަރު އެފަދަ މައްސަލައެއް ދިމާ ނުވާނެހެން، ގްރޫޕްގެ ފަރާތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

ވިސާ ހަމަނުޖެހުމުގެ ސަބަބުން މިރޯދަ މަހަށް ތާވަލްކުރި އުމްރާ ދަތުރު ކެންސަލް ކުރިކަމަށް ވެސް އެ ގްރޫޕުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް ދަތުރު ކެންސަލްނުކޮށް، ވީހާ ވެސް އަވަހަށް ދަތުރު ހަމަޖައްސާ އުމްރާވެރިން ފުރުވާލުމަށް އިސްލާމިކް މިނިސްޓްރީން އެ ގްރޫޕަށް އެންގި އެވެ.