މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަންކަން އާންމުން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އިން އިލްތިމާސްކޮށްފި އެވެ.
އެކޮމިޝަނުން މިކަމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ދައުރު ނޫހުގައި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމްގެ ކުންފުންޏާއި ހިލްޓަންގެ އާއި ދެމެދު ހިނގަމުންދާ މައްސަލައާއި ގުޅިގެން ޝާއިއު ކުރެވުނު ހަބަރާއި ގުޅިގެން ނޫސްވެރިޔާ އަދި އެޑިޓަރަކަށް އިންޒާރު ދިން މައްސަލަ ކުރިމަތިވެފައި ވަނިކޮށެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ފަހިކޮށްދީފައިވާ ހައްޤުތަކެއް ކަން ފާހަގަކޮށްފައިވެ އެވެ. އަދި އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާގޮތަށް ފިކުރު ކުރުމާއި ހިޔާލު ދުލާއި ގަލަމުން ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ކޮމިޝަނުން ބުނީ ނޫސްވެރިންނަކީ މުޖްތަމައުގައި ހިނގާކަންކަން އާންމުންނާއި ހިސާބަށް ގެނެސްދޭން ތިބި ބަޔަކަށް ވާހިނދު ހާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ.
އަދި ނޫސްވެރިންނަށް ނަފްސާނީ އަދި ޖިސްމާނީ ނުރައްކަލެއް ފޯރާނެ ފަދަ މައްސަލަތައް ސީރިއެސް މައްސަލައެއް ގޮތުގައި ބަލައި، ވީހާވެސް އަވަހަށް ފުރިހަމަ ތަހުގީގުކުރުމަށް ވަނީ ގޮވާލާފަ އެވެ.
އެޗްއާރްސީއެމްއިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަކަންކަން އާންމުން ނުކުރުމަށް އެދި އިލްތިމާސްކޮށްފަ އެވެ. ނޫސްވެރިންނަށް ކަރާމާތްތެރިކަމާއި އެކު ދިރިއުޅުމުގެ ހައްގު ކަަށަވަރުކޮށްދިނުމަށް އެއްމެހާ މުޢައްސަސާތަކާއި ފަރާތްތަކަށްވެސް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.