މި ސަރުކާރުން އެފްކޮންސްއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ސައްހަ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭކަމަށް ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ބްރިޖާއި އައްޑޫގެ މަގުތައް ހަދާ، އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރްޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ދަތިކަން ކުރިމަތިވެ، އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ވިއްކާލަން ނިންމިކަން މީޑިއާތަކުން ހާމަކުރުމާ ގުޅިގެންނެވެ.
އުޝާމް ވިދާޅުވީ ކުންފުނި ވިއްކާލާ ހިސާބަށް ދަރާވިކިފަ އޮތް ކުންފުންޏަކާ ބޮޑެތި ޕްރޮޖެކްޓްތައް ހަވާލުކުރިއިރު، އެންމެ ކުޑަމިނުން އެކުންފުނި އޮތީ މިފަދަ ބޮޑެތި މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިކަން ބެލި ކަމާމެދު ޝައްކުއުފެދޭ ކަމަށެވެ.
އެފްކޮންސްގެ މައި ކުންފުނި ޝަޕޫރްޖީ ޕަލޯންޖީން ގުރޫޕާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެފްކޮންސް ހިމެނޭ ގޮތަށް ބައެއް ވިޔަފާރިތައް ވިއްކާލަނީ 2.5 ބިލިއަން ޑޮލަރަށެވެ. މި ވިޔަފާރިތައް ވިއްކާލަން ނިންމީ ޝަޕޫރްޖީ ޕަލޯންޖީ ގްރޫޕުގެ ދަރަނިތައް ކުޑަކުރުމަށް ކަމަށް ވެސް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
ބިލިއަނަރު ޝަޕޫރު މިސްޓްރީ ކޮންޓްރޯލްކުރާ އެ ކުންފުނިން އައިސީސީ ބޭންކު އަތުން 2000 ވަނަ އަހަރު ގަތް އެފްކޮންސް ކުންފުނީގެ އިތުރުން، ގޯޕާލްޕޫރު ޕޯޓްސް ކުންފުންޏާއި ބައެއް ރިއަލް އެސްޓޭޓް ވިޔަފާރިތައް ވެސް ވިއްކާލަން ވަނީ ނިންމާފަ އެވެ.
އެ ކުންފުނިތައް ގަންނަން ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް، އެފަދަ ކަންކަން ފަހިކޮށްދޭ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
1865 ވަނަ އަހަރު އުފެދުނު އެސްޕީ ގްރޫޕުން އޭޝިއާ އެފްރިކާ އަދި މެދުއިރުމަތީގެ 25 އަށް ވުރެ ގިނަ ގައުމުގައި އަންނަނީ މަޝްރޫއުތައް ހިންގަމުންނެވެ.
އެފްކޮންސްއަކީ މެރިން އިންފްރާސްޓްރަކްޗާ އާއި ޓަނަލްތަކާއި ބްރިޖްތަކާއި މަގުތައް ހިމެނޭ ގޮތަށް އިންޖިނިއަރިން އާއި ކޮންސްޓްރަކްޝަން އަށް ހާއްސަ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެ އެވެ. އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތީގެ 25 އަށް ވުރެ ގިނަ ގައުމުގައި ޕްރޮޖެކްޓްތައް ހިންގަ އެވެ.
އެގޮތުން ރާއްޖޭގައި ވެސް އެފްކޮންސްއިން އަންނަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.