މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާހްރުކްގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ޖަލުން މިނިވަން ކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ތަރިޔަކީ ޖޫހީ ޗައުލާ އެވެ. ޖޫހީ އާއި ޝާހްރުކް އަކީ ގާތް ދެ އެކުވެރިންނެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް އެކުގައި ވެސް ކުޅެފައިވާ ދެ ފަންނާނުންނެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އާރްޔަން ހައްޔަރުކުރީ 2021 ވަނަ އަހަރު އެވެ. 21 ދުވަސް ފަހު އޭނާ ޖަލުން މިނިވަން ކުރީ އެއް ލައްކަ ރުޕީސްގެ ޕާސަނަލް ބޮންޑެއް ބަހައްޓަން އާރްޔަންގެ މައްޗަށް ހުކުމް ކޮށްފައިވެ އެވެ.

މިބޮންޑް ނުދެއްކިޖެނަމަ އެކަމުގެ ޒިންމާ ނަގާފައިވަނީ ޖޫހީ އެވެ. މިގޮތަށް ޒިންމާ އެދުވަހު ނެގުމަކީ އޭނާ އަށް ކުރެވުނު ރަނގަޅު ކަމެއް ކަމަށް ދާތި ފަހުން ދިން އިންޓަވިއުއްގައި ވަނީ ބުނެފަ އެވެ.

ނިއުސް 18 އަށް ދިން އިއްޓަވިއުއްގައި ޖޫހީ ބުނީ އާރްޔަން އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެދުވަހު އެގޮތަށް އަމަލުކުރީ އެކުވެރިޔާއަށް އެހީތެރިވުމުގެ ފުރުސަތު ލިބުމުން އެފުރުސަތު ގެއްލުވާލަން ބޭނުންނުވާތީ ކަމަށެވެ.

އާރްޔަން ޖަލުން ސަލާމަތް ކުރަން ކޯޓުގައި ކުރި ގިނަ މަސައްކަތްތަކުގައި ޖޫހީ ވަނީ ވަރަށް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ކޯޓަށް ދައްކަން ޖެހޭ ފައިސާއާ ޒިންމާ ވުމާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގައި ޖޫހީ އަމަލީ ގޮތުން ބައިވެރިވި އެވެ.

"ޑަރް"، "ބިރް ބީ ދިލް ހޭ ހިންދުސްތާނީ"، "ޑުޕްލިކޭޓް"، "ޔެސް ބޮސް"، "ވަން 2 ކަ 4" ފަދަ ފިލްމުތައް ޖޫހީ އާއި ޝާހް ރުކް އެކުގައި ކުޅެފައި ވެއެވެ. އަދި ދެ އެކްޓަރުންނަކީ ވިޔަފާރީގެ ޕާޓްނަރުން ވެސް މެއެވެ. އަދި އިންޑިއަން ޕްރެމިއާ ލީގު (އައިޕީއެލް) ގެ ކްރިކެޓް ޓީމް ކަލްކަތާ ނައިޓް ރައިޑާސް އަކީ ވެސް ދެ ތަރިންގެ ޓީމެކެވެ.