ރޯދަ ވީއްލީ ގަޑިއަކީ ކޮންމެ ގެއެއްގެ ވެސް ސުފުރާ ވަރަށް މުއްސަނދި ގަޑި އެކެވެ. އެކި ބާވަތްތަކުގެ ކެއުންތަކުން މޭޒުމަތި ފުރާލެވޭއިރު ގިނަ ފަހަރަށް ކާނެ ނުކާނެ އެއްޗެއްވެސް އޮންނަނީ ނޭނގިފަ އެވެ.

ސުފުރާގައި ކާ އެއްޗެހި ކިތަންމެ ގިނަ ވިޔަސް ރޯދަ ވީއްލުމަށް އެންމެ ބުއްދިވެރި ގޮތަކީ ދީނުގައި ވެސް އަންގަވާފައިވާ ފަދައިން ކަދުރު ބޭނުން ކުރުމެވެ. ސަބަބުތައް ބައިވަރެވެ.

ކަދުރަކީ ފޮނި، އަނގަޔަށް މީރު މޭވާ އެކެވެ. ކަދުރުގައި ގިނަ އަދަދަކަށް ވިޓަމިން އާއި މިނަރަލްސް ހިމެނޭއިރު ހަކުރު، ފައިބާ، މެގްނީސިއަމް އަކީ ވެސް ކަދުރުން ލިބޭނެ މާއްދާ ތަކެވެ.

މި ދެންނެވުނު މާއްދާތަކަކީ ދުވާލު ހައިބަނޑާ ހުރުމަށްފަހު ހަށިގަނޑުގައި ހަކަތަ ޖައްސައި ހަކުރުގެ މިންވަރު ހަމަައަކަށް އެޅުވުމަށް އެންމެ ބޭނުންތެރި މާއްދާ ތަކެވެ.

މީގެ އިތުރުން ކަދުރަކީ އަވަހަށް ހަޖަމް ކޮށްލެވޭ ކެއުމަކަށްވާއިރު މީގެ ސަބަބުން ހަށިގަނޑުގައި ވަރުޖެހި މުޅި ދުވަހުގެ ލޮޑުކަން ފިލުވާލަ އެވެ.

ހަމައެއާއެކު ރޯދަ ވީއްލަން ކަދުރު އޮށެއް ބޭނުން ކުރުމަކީ އެގަޑީގައި މާ ގިނައިން ކެއުމުން ދުރުކޮށްދޭނެ ކަމެއް ވެސްމެ އެވެ. ސަބަބަކަށްވަނީ ކަދުރުން ހަށިގަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދޭތީ އެވެ.

އެހެން ކަމުން ބުނެވެން އޮތީ ރޯދަ ވީއްލަން ކަދުރު ވަރެއް ނެތް ކަމަށެވެ. އެއީ ސިއްހީ ގޮތުންނާއި ދީނީ ގޮތުން ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމެވެ.