މާލެއާ ހުޅުމާލެއާ ދެމެދު އެއް ނެޓްވޯކަކުން ކަރަންޓު ދިނުމަށް ޓްރާންސްފޯމަރުތައް ބަހައްޓަން ފަށައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަޝްރޫއުގައި މިހާރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދަނީ މާލެ- ހުޅުމާލެ އަދި ހުޅުލޭގައި ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގެ ކަރަންޓު ނެޓްވޯކް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލެ ހައުސްއަށް ދެ ޓްރާންސްފޯރމާ ބެހެއްޓުމަށް ތައްޔާރުވެފައި މިވަނީ. އެއީ 95 އެމްވީއޭ. ހުޅުމާލޭގައި ވެސް 95 އެމްވީއޭ އަދި ހުޅުލޭގައި 8 އެމްވީއޭ ޓްރާންސްފޯމަރު ބަހައްޓާނެ،" މުޣުނީ ވިދާޅުވި އެވެ. "ހުޅުލޭގައި ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފައި. މިހާރު ކުރިއަށްދަނީ މާލޭގެ މަސައްކަތް."

މުޣުނީ ވިދާޅުވީ ކޮވިޑާ ގުޅިގެން މަސައްކަތްތަކަށް މަޑުޖެހުމެއް އައިނަމަވެސް، މިހާރު އަނެއްކާ ވެސް ބާރު ސްޕީޑްގައި ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތްތަކަށް ލަސްތަކެއް ދިމާވީ އެ މަސައްކަތަށް ޗައިނާއިން އަންނަން ޖެހޭ ފަންނީ ޓީމްތަކަށް ނާދެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

"ނަމަވެސް މިހާރު މި ޓީމް މާލެ އައިސް ކަރަންޓީން ފުރިހަމަކޮށް މަސައްކަތްތައް ވަނީ ފަށާފައި. މިހާރު ކުރިއަށްދަނީ އެއް އިންޖީނުގެ އާއި އަނެއް އިންޖީނު ގޭގެ ކަރަންޓު ވިއުގަ ގުޅާލާ ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތް،" މުޣުނީ ވިދާޅުވި އެވެ.

މާލެ- ހުޅުމާލެ ނެޓްވޯކުން ތިން ރަށުގެ ކަރަންޓު ގުޅާލާނީ ބްރިޖާއި ހައިވޭ މެދުވެރިކޮށް އަޅާ އިންޓަކަނެކްޝަން ކޭބަލްއަކުންނެވެ. އިންޓަކަނެކްޝަން ކޭބަލް އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މި ކޭބަލްއަކީ 100 މެގަވޮޓްގެ ކަރަންޓު ދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިންމަސް ތެރޭގައި ނިންމާނެ ކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.