ނިމިގެންދިޔަ ގުރައިދޫ ދާއިރަގެ ބައި-އިލެކްޝަން އާއި ދިމާކޮށް އާސަންދައިން 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެދާއިރާގެ ރައްޔިތުންނަށް ހަރަދުކޮށްފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބައެއް މެމްބަރުން ވަނީ ނިމިގެންދިޔަ ގުރައިދޫ ބައި- އިލެކްޝަނާ ދިމާކޮށް އާސަންދައިން ގުރައިދޫ ދާއިރަގެ ރައްޔިތުންނަށް ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ބައި- އިލެކްޝަނާ ދިމާކޮށް އާދަޔާ ހިލާފަށް ގިނަ ހަރަދުތަކެއް އާސަންދައިން އެދާއިރާގެ ރައްޔިތުންނަށް ކޮށްފައިވާކަން އެނގޭ ކަމަށެވެ.

"ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އާ ދިމާކޮށް، އާދަޔާ ހިލާފަށް، ގިނަ އަދަދެއްގެ ފައިސާ އާސަންދައަށް ހަރަދުކޮށްފައިވާ ކަން އެބަ އިނގޭ، 13 ދުވަހުގެ ތެރޭގައި އެންސްޕާ އަދި އާސަންދައިން 170 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވުމަކީ އިއްތިފާގެއް ނޫން،" އަލީ ހުސައިން ވިދާޅުވި އެވެ.

އެހާ ބޮޑު ހަރަދެއް އެމުއްދަތުގައި ކޮސްފައި އެވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށާއި ވޯޓު ގަތުމަށް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ގުރައިދޫ ބައި- އިލެކްޝަން ކުރިއަށް ދިޔަ ދުވަހު އެރަށު ގެސްޓް ހައުސްއެއްގައި އެންސްޕާގެ މޭޒު ބަހައްޓާފައި ހުރި ކަމަށެވެ.

ގުރައިދޫ ދާއިރަގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް މީގެ ކުރިން ޕީޕީއެމްއިން ވެސް ބުނެފަައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އެވެ.