ޔޫކްރެއިންގެ ވެރިރަށް ކީވްގެ ވައިގެ ސަރަހައްދުން ގޮތް ނޭނގޭ ބޮޑު އަލިގުޅައެއް ފެނި މުޅި އެ ސަރަހައްދުގައި ބިރުވެރިކަމާއި ނާމާންކަން އުފެދިއްޖެ އެވެ.
އިންޓަނެޓުގައި މިހާރު ދައުުރުވަމުން އަންނަ ވީޑިއޯތަކުގައި ފެންނަނީ ކީވްގެ ރަށްބޭރުން ކުއްލިއަކަށް ބޮޑު އަލިގުޅައެއް ފާޅުވުމާއެކު ގެއްލޭ މަންޒަރެވެ.
ކީވްގެ މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ސާޖީ ވިދާޅުވީ އެ އައްޔާއެކު އެއާ ރެއިޑް އެކްޓިވޭޓްވި ނަމަވެސް އެއާ ޑިފެންސް ހަރަކާތްތެރި ނުވާ ކަމަށެވެ.
އާއްމުވި އެއް ވީޑިއޯގައި އަލިގުޅައާއެކު ގޮތް ނޭނގޭ އެއްޗެއް ބިމަށް ވެއްޓޭ މަންޒަރު ވެސް ފެނެ އެވެ. ޔޫކްރެއިންގެ އިދާރާތަކުން އެއީ ޖައްވުން ވެއްޓުނު ސެޓެލައިޓެއް ކަމަށް ލަފާކުރި ނަމަވެސް އަދިވެސް އޭގެ ހަގީގަތެއް ނޭނގެ އެވެ.
އެއާއެކު އެއީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ފޮނުވާލި މިސައިލެއް ގޮވި މަންޒަރަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޔޫކްރެއިންގެ އިދާރާތަކުން ވެއްޓުނު އެއްޗަކީ ނާސާގެ ސެޓެލައިޓެއް ކަމަށް ބުނި ނަމަވެސް ނާސާއިން ވަނީ އެކަން ދޮގުކޮށް އެއީ ސެޓެލައިޓެއް ނޫން ކަމަށް ބުނެފަ އެވެ.