ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ "ސިފްކޯ ހިޔާ" ފްލެޓްތަކުގެ މަސައްކަތް ނިންމާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ "ސިފްކޯ ހިޔާ" މަޝްރޫއު ކުރިއަށް އޮތް ތިން މަސްދުވަހު ތެރޭގައި މަސައްކަތް ނިންމާ ސިފައިންގެ އާއިލާތަކާ ހަވާލުކުރާނެ ކަމަށެވެ. އަދި މިއާއެކު ސިފައިންގެ ޢާއިލާތަކުގެ މެދުގައި އޮތް ޒަމާންވީ ކަންބޮޑުވުމަށް ބޮޑު ލުޔެއް ލިބޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ސިފައިންގެ ފްލެޓުގެ މަސައްކަތްތައް ފަށާފައި ވަނީ ސެޕްޓެމްބަރު 2، 2013 ގަ އެވެ.
އެ މަސައްކަތް ޑިފެންސް މިނިސްޓްރީން އޭރު ހަވާލުކުރީ ނޫމަޑި ރިސޯޓު އެންޑް ރެޒިޑެންސްއާ އެވެ. ނަމަވެސް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދިއުމާއި ފްލެޓުތަކުގެ މަސައްކަތް ދިގުދެމިގެން ދާތީ، އެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ އެވެ.
އޭގެ ފަހުން އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ .އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މުވައްޒަފުންނަށް މުސާރަ ނުދެވުމުން އެ މަސައްކަތް ކުރިއަކަށް ނުދިޔަ އެވެ.
އެ ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި މި ސަރުކާރުން ވަނީ މިދިޔަ އަހަރު އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.
"ސިފްކޯ ހިޔާ" ގެ ފްލެޓްތައް ޑިޒައިން ކޮށްފައި ވަނީ ސޯޝަލް ހައުސިން ޔުނިޓްތަކަށް ވުރެ ފެންވަރު މަތިކޮށް، ލަގްޒަރީ ފެންވަރުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއްގެ ގޮތުގަ އެވެ. މި ފްލެޓްތަކުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ. އަދި މި ޔުނިޓްތަކުގެ މަސައްކަތް ނިމޭއިރު ހުންނާނެގޮތުގެ "މޮކަޕް ރޫމެއް" މިދިޔަ އަހަރުގެ ތެރޭގައި ފްލެޓްތައް ލިބޭ ފަރާތްތަކަށް ދައްކާލާފައިވެ އެވެ.