އެތައް މައްސަލަތަކެއް ކުރިމަތިވި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވާފައި ވަނީ މިއަދު ކަމަށެވެ.

ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި ސަރުއީ ދާއިރާއަށް އޭނާ ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވާ ޖޭއެސްސީއިން ވަނީ ގާޒީ ހަސަން ސައީދަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ގާޒީ ހަސަން ސައީދު އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމެވެ.

އޭނާ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި ވަނީ ފެމިލީ ކޯޓުގަ އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ވެސް ކުރިން ހުންނެވި ހަސަން ސައީދުގެ މައްސަލައެއް ވަރަށް ފަހުން ޖޭއެސްސީން ވަރަށް ބަލާފައި ވެސް ވެ އެވެ.

އެގޮތުން އޭރު އޭނާ 14 ދުވަހަށް ސަސްޕެންޑްކުރީ ފެމިލީ ކޯޓުގައި ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ. ނަމަވެސް ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މި މަހުގެ 20 ގައި ވަނީ ނިންމާފައިވެ އެވެ.

ހަސަން ސައީދުގެ އެހެން ބައެއް މައްސަލަތައް ވެސް ޖޭއެސްސީން ބަލާފައި ވެ އެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފެމިލީ ކޯޓުގައި މަސައްކަތް ކުރެއްވި ހަސަން ސައީދު 2016 ގައި ކްރިމިނަލް ކޯޓަށް ބަދަލުކުރީ ވެސް އޭރު ބެލި މައްސަލައަކާ ގުޅިގެން ޖޭއެސްސީން އެޅި ފިޔަވަޅެއްގެ ތެރެއިންނެވެ. ކްރިމިނަލް ކޯޓަށް ބަދަލުކުރުމުގެ ކުރިން ވެސް ވަރަށް ގިނަ ދުވަސް ވަންދެން އޭނާ ސަސްޕެންޝަނުގައި ބެހެއްޓި އެވެ.

ފަނޑިޔާރަކު ރިޓަޔާ ކުރެއްވިއިރު، ލިބިވަޑައިގަންވަމުން ގެންދެވި މުސާރަ އާއި ހިދުމަތަށް ބަލައި ކޮންމެ މަހަކު ވެސް އިނާޔަތެއް ދައުލަތުން ދޭނެ އެވެ. އަދި 18 އަހަރު ދަށުގެ ކުދިން ތިބި ނަމަ އެ ކުދިންނަށާއި އަނބިމީހާ/ ފިރިމީހާ އަށް ހެލްތު އިންޝުއަރެންސް ލިބިވަޑައިގަންނަވާނެ އެވެ.