ވ. ކެޔޮދޫ މިސްކިތަށް ގެއްލުންދިން މައްސަލާގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

މިސްކިތައް ގެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ކެޔޮދޫ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ ރިޕޯޓް ރޭ 12:00 ހާއިރު ލިބިފައިވާ ކަމަށެވެ. ހައްޔަރު ކުރި މީހާގެ ބަންދަށް އަދި މުއްދަތު ނުޖަހާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާ ވަނީ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު އެއްޗަކުން ޖަހާ ތަޅާލާފަ އެވެ.

ކެޔޮދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ މިސްކިތަށް ތަކުރާރުކޮށް ގެއްލުންދެމުން އަންނަ ކަމަށެވެ. އަދި އެމީހާ ހޯދައި ފުލުހުންނާ ހަވާލުކުރީ ކެޔޮދޫގެ ރައްޔިތުން ނުކުމެ އެވެ.

އެ މީހާ މީގެ ދެ ދުވަސް ކުރިން ފުރަތަމަ ގެއްލުން ދިނީ މިސްކިތުގައި ހުރި މުސްހަފުތަކަކަށެވެ. ދެ ފަހަރެއްގެ މަތީން މުސްހަފުތައް ވީދާލާފައިވެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ގާތްގަނޑަކަށް 20 މުސްހަފު ވީދާލާފައިވެ އެވެ. މުސްހަފުތައް ވީދާލާފައި ވަނީ އެކިތަންތަނުން އެކި ގަނޑެވެ.

އެންމެ ފުރަތަމަ ފުސްހަފުތައް ވީދާލާފައި ހުރިތަން ފެނުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.