ކެޔޮދޫ މިސްކިތަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.

މިސްކިތައް ގެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މި މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އޭނާ ބަންދުކޮށްފައި ހުރީ މަހިބަދޫ ފުލުހުންގެ ކަސްޓޯޑިއަލްގަ އެވެ. އެ މީހާ ވަނީ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު އެއްޗަކުން ޖަހާ ތަޅާލާފަ އެވެ.

ކެޔޮދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ މިސްކިތަށް ތަކުރާރުކޮށް ގެއްލުންދެމުން އަންނަ ކަމަށެވެ. އަދި އެމީހާ ހޯދައި ފުލުހުންނާ ހަވާލުކުރީ ކެޔޮދޫގެ ރައްޔިތުން ނުކުމެ އެވެ.

އެ މީހާ މީގެ ދެ ދުވަސް ކުރިން ފުރަތަމަ ގެއްލުން ދިނީ މިސްކިތުގައި ހުރި މުސްހަފުތަކަކަށެވެ. ދެ ފަހަރެއްގެ މަތީން މުސްހަފުތައް ވީދާލާފައިވެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ގާތްގަނޑަކަށް 20 މުސްހަފު ވީދާލާފައިވެ އެވެ. މުސްހަފުތައް ވީދާލާފައި ވަނީ އެކިތަންތަނުން އެކި ގަނޑެވެ.

އެންމެ ފުރަތަމަ ފުސްހަފުތައް ވީދާލާފައި ހުރިތަން ފެނުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.