ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކޮށް ހުކުމް ތަންފީޒުކުރަމުން ދިޔަ މީހަކު ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދިނުމާ މާފް ކޮށްދިނުމުގެ ގަވާއިދުގެ ދަށުން މިނިވަންކޮށްފައިވާތީ އެކަން ހިނގާ ދިޔަ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 9 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރާ އަބްދުﷲ އަލިމަނިކު ވަނީ ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކުރުމާއި މާފް ދިނުމުގެ ގަވައިދުގެ ދާސުން މިނިވަންވެފަ އެވެ.

ހަސަން ލަތީފް އެ މައްސަލަ ހުށަހެޅުއްވީ އޭނާ ދޫކޮށްލި ސަބަބު ސަރުކާރުން ހާމަ ނުކުރާތީ އެ މައުލޫމާތު ހޯދުމަށެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ތުހުމަތު ކުރާ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދިނުމާ މާފް ދިނުމުގެ ގަވައިދުގެ ދަށުން ދޫކޮށްލައްވާފައިވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލި ސަބަބު ހޯދަން އެކި ފަހަރު މަތީން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ (ސަލާމަތާ ބެހޭ ކޮމެޓީ) ރައީސް އޮފީހަށް ލިޔުމުން ދަންނަވައިގެން ވެސް ޖަވާބެއް ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

ޖަލުގައި ތިބޭ މީހުންނަށް އަދަބު ލުއިކޮށްދެނީ މީހުންގެ އަހުލާގީ ރިޕޯޓު ތައްޔާރުކޮށް އޭގެ މައްޗަށް ޑައިރެކްޓަ އޮފް ޕްރިޒަންސް ބެލުމަށްފަހު ކަމަށް ހަސަން ލަތީފްގެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.

އެ މީހާ ޖަލުން ދޫކޮށްލީ 20 އޮގަސްޓު 2019 ގައި ކަމަށާ 1 ސެޕްޓެމްބަރު 2020 ގައި އޭނާގެ އަހުލާގު ރިޕޯޓު ތައްޔާރު ކޮށްފައިވާކަން ވެސް ހަސަން ލަތީފްގެ މައްސަލާގައި ފާހަގަ ކޮށްފައިވެ އެވެ.

މިކަމުގައި އިތުރަށް ޝައްކު އުފެދޭ ކަމެއް ހުރުމާއި އެކުގައި މެމްބަރު އެދިވަޑައިގެންފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ މައުލޫމާތު ލިބޭތޯ ރިޔާސަތުން ދަންނަވައި ދިނުމަށެވެ.

އެހެންވެ ރައީސް ނަޝިދު ވަނީ އެމައުލޫމާތު ހޯދުމަށް ރައީސް އޮފީހުގައި އެދިވަޑައިގެންފަ އެވެ.