ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން މަކަރާއި ހީލަތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަރުކާރީ އާއި މޭވާ ރާއްޖެ އެތެރެ ކުރި ހުސައިން ޝިފާއުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އޭނާގެ މައްޗަށް ލައްކައަކަށް ވުރެ ގިނަ ޑޮލަރުގެ މުއާމަލާތްތައް ކުރުމަށްފަހު ފައިސާ ދެއްކުމުގައި މަކަރާއި ހިލާތް ހެދުމުގެ 23 ދައުވާ ޕީޖީ އޮފީހުން އުފުލާފައިވެ އެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ އާއި މަނީ ލޯންޑްރިންގެ ގާނޫނު ދަށުން މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ހަތް ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ޝިފާއުއާއި އިތުރު މީހަކު ވެސް ބައިވެރިވެގެން ސްކޭމްތައް ހިންގަމުން ދިޔައީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ "ކިންގްޑަމް" އޮފް ފުރުޓްސް" ކިޔާ ވިޔަފާރިއެއް މެދުވެރިކޮށް ކަމަށެވެ.

މި މައްސަލާގައި ފުލުހުން ހިނގި ތަހުގީގުތަކުގައި ބުނެފައި ވަނީ އޭނާ އެ މުއާމަލާތް ހިނގީ ސައްހަ ނޫން ޓީޓީތަކެއްކަން ބޭންކުން ކަށަވަރު ކޮށްދޭ ކަމަށެވެ. އަދި ބޭރުގެ ބައެއް ވިޔަފާރިތަކާއި މުއާމަލާތްކުރަން ބޭނުންކޮށްފައި ވަނީ އަމިއްލަ ނަމާއި ފޯނު ނަންބަރެވެ.

އެކި ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެއަށް ތަރުކާރި އާއި މޭވާ އެތެރެކޮށް މުދާ އެތެރެކޮށް އެކުންފުނިތަކަށް ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ ފޮނުވިކަމުގެ ތުހުމަތުގައި ޝިފާއު ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އޭނާ ހައްޔަރު ކުރިއިރު އޭނާއަކީ ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ، ފިލައިގެން އުޅޭކަމުގެ ތުހުމަތުގައި އޭޕްރީލް 18، 2021 ގައި ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ.