ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އަވަސް އަރުވާލައިގެން ކުރިއަށް ގެންދެވޭ ފަދަ މައްސަލައެއް ނޫން ކަމަށާ އެކަން އެގޮތަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ނެންގެވި ނިޒާމީ ނުކުތާއަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ސަރުކަރުން ކަމެއް ބޭނުންވީމާ އެކަމެއް އަވަހަށް ކޮށް ނިންމާލަން ކަމެއް ނުކުރާނެ ކަމަށާ އެއީ އެކަން ހިނގާނެ ގޮތް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ ހަގީގަތުގައި ރައްޔިތުން ކަންބޮޑުވަނީ ޕްލާސްޓިކު ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާ މެދުގައި ކަމަށެވެ. އަދި މިމައްސަލައަކީ ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އަވަސް ކޮށްލައިގެން ނިންމޭނެ މައްސަލައެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާ ކަމަށް އަޅުގަނޑުމެންނަށް ފަހަގަ ވެފައި އޮތީ ފަރުތަކަށް ގެއްލުން ލިބޭތީ ތިމާވެއްޓަށް ގެއްލުން ލިބޭތީ ސިއްހަތައް ގެއްލުން ލިބޭތީ މިކަންކަން ވަމުން މިއަންނަނީ ޕްލާސްޓިކު ކޮތަޅުގެ ސަބަބުން އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީކީ އަވަސްކޮށްގެން ނިންމަން ޖެހޭ ބާވަތުގެ މައްސަލައެއް ނޫން. އެއީ ފުންކޮށް އަޅުގަނޑުމެން ވިންނާ ބަހުސް ކުރަންޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ ކޮމެޓީއަށް މިއަދު ފޮނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނަށް ހުށަހަޅަފައިވާ އިސްލާހުގައި ކޮތަޅުން ފީ ނަގަން ހިމަނާފައިނުވާ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ. އަދި ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ކޮތަޅުގެ އަގު ބޮޑުވާގޮތަށް އެ ގާނޫނު ފާސް ކުރީ މަޖިލީހުގެ މެމްބަރުން ގަސްދުގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއިން ކޮތަޅު ބޮނޑި އިސްތިސްނާ ނުކޮށް އެ ގާނޫނު ފާސްކޮށްފައިވާތީ، ކޮތަޅުގެ އަގު އިންތިހާއަށް މައްޗަށް ދިއުމުން އެކަމަށް ހައްލެއް ގެނައުމަށެވެ. ސަރުކާރުން ބުނީ މި އިސްލާހު ފާސްވުމުން، ކޮތަޅުގެ އަގު ބޮޑުވެގެންދިޔަ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
އެ އިސްލާހު ފާސްނުކޮށް ރައްޔިތުންގެ މަޖިލިސް މިއަދު ވަނީ ޗުއްޓީ ގޮސްފަ އެވެ.