މާލޭ މަގުތަކުގައި އުޅޭ ބުޅަތަކުގެ ތެރެއިން 1،000 ބުޅާ ނުވިހާ ގޮތް ހެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގައި ބޭއްވި ޖަލްސާއެއްގައި މާލޭގެ މަގުތަކުގައި އުޅޭ ބުޅަ ގިނަވެ އެކަމުގެ އުނދަގޫ އާންމު ރައްޔިތުންނަށް ކުރާތީ އެކަން ހައްލު ކުރާނެ ގޮތުގެ ޕްރޮޕޯސަލެއް ވަނީ ހުށަހަޅާފަ އެވެ. އެ ޕްރޮޕޯސަލްގައި ވަނީ ވަގުތީ ގޮތުން އެ މައްސަލަ ހައްލުކުރުމަށް ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ހިންގުމަށް ހުށަހަޅާފަ އެވެ.

މާލެ ތެރޭގައި އުޅޭ ބުޅާތައް ބޭތިއްބުމަށް "ކެޓް ފެސިލިޓީ"އެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މާލެ ސިޓީ ކައުންސިލުން ހުޅުވާލި އެވެ. ތިންވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން ފެސިލިޓީ ހެދުމަށް ބަޔަކު މިހާރު ލިބިފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

ދާއިމީ ފެސިލިޓީއެއް ހަދަން ދިގު މުއްދަތެއް ހޭދަވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެ ޕްރޮޕޯސަލްގައި މާލޭގެ މަގުމަތީގައި އުޅޭ 1،000 ބުޅާ ނުވިހާ ގޮތް ހަދަން ހުށަހަޅަފައިވެ އެވެ. އެ ކަމަށް ހަރަދުކުރާނީ ކައުންސިލްގެ ބަޖެޓުންނެވެ. ކޮންމެ ބުޅަލެއް ނިއުޓާ ކުރަން 1،200ރ. ހަރަދުވާއިރު، މުޅި ޖުމްލަ އެ މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހަރަދުވެ އެވެ.