ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ސަލާހުއްދީން ސްކޫލްގެ މަސައްކަތް، އަންނަ ދިރާސީ އަހަރަށް ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަލާހުއްދީން ސުކޫލްގެ މަސައްކަތްތައް އޮގަސްޓުމަހަށް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން މިހާރު ވަނީ ހަ ފަންގިފިލާގެ ޝީޓުއެޅުމުގެ މަސައްކަތް ނިމިފައި ކަމަށާ މިހާރު ކުރިއަށްދަނީ ރޭނުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރން ބުނީ އަންނަ ދިރާސީ އާ އަހަރު ކިޔަވަން ފަށާއިރު ސަލާހުއްދީން ސުކޫލުގެ މަސައްކަތްތައް އެއްކޮށް ނިމި އެތަނުގައި ކިޔެވުން ފެށޭނެ ކަމަށެވެ. 1200 ކުދިންގެ ޖާގައިގެ މި ސުކޫލަށް ގާތްގަނޑަކަށް 118 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

ސަލާހުއްދީން ސުކޫލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ސްކޫލްގެ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރު ކުރީކޮޅު އެވެ.

މިސުކޫލަކީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ފުރަތަމަ ސުކޫލެވެ. މީގެ އިތުރުން އިތުރު 2 ޕްރީ ސްކޫލަކާއި އިންޓަނޭޝަނަލް ސްކޫލެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މިހާރު ހުޅުމާލެ ފޭސް 2 ގައި ހަދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން 6،000 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެ އެވެ.