ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފި އެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.

މިމައްސަލާގައި މިއަދު އިޓްލޮސް އިން ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިން ފުށުއަރާ ހިސާބު ދައްކައިދޭ ޗާޓެއް

މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑީސްޑެންސް އަށް ބަލައިގެންނެވެ. މޮރިޝަސްއިން ހުށަހަޅަފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.

ރާއްޖެއިން ވަނީ އެގޮތަށް އިން ވަކި ނުކުރެވޭނެ ކަމާށް ވަކާލާތުކޮށްފައި އެވެ. އަދި ރާއްޖެއިން ވަނީ އެކަން ސާބިތުކުރުމަށް ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ހުށަހަޅާފަ އެވެ. އިޓްލޮސްއިން މައްސަލަ ނިންމާފައި ވަނީ ރާއްޖެއިން ހުށަހެޅި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ.

ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެހެންވީމާ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށް އިޓްލޮސްގެ ޗެމްބަރުން ވަނީ ނިންމާފަ އެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.