ޗާގޯސް މައްސަލާގައި ރާއްޖެ އާއި އެއްކޮޅަށް އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑުގެ ޚާއްސަ ސަރަހައްދެއް ދެކުނުން ކަނޑައެޅިގެން ދިޔަ ކަމަށާއި އެއީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވި އިރު އިޓްލޮސްގެ ނިންމުމާ އެކު ޗާގޯސްގެ އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން މިހާރު މި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ މިކަން ބަލައި ނުގަތުން ކަމަށެވެ.

އިޓްލޮސްގެ ނިންމުމާ ގުޅިގެން މިރޭ ރައީސް އޮފީހުގައި ބޭއްވި ކެބިނެޓްގެ ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، މީގެ ކުރިން ރާއްޖެ އަށް ރާއްޖޭގެ ދެކުނުން އޮތީ 12 މޭލު ކަމަށެވެ. އެހެން ނަމަވެސް އިޓްލޮސްގެ ނިންމުމާ އެކު ރާއްޖެއަށް 200 މޭލު ބޮޑުވެގެން ހިނގައްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ކަނޑުގެ ހާއްސަ އިގްތިސޯދީ ސަރަހައްދެއް ކަނޑައެޅިފައި ނެތް ކަމަށާއި އެހެން ނަމަވެސް މިހާރު ރާއްޖެއަށް ހާއްސަ އިގްތިސޯދީ ސަރަހައްދެއް ކަނޑައެޅިގެން ހިނގައްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ކުރިން އަޅުގަނޑުމެންނަށް ދެކުނުން އޮތީ 12 މޭލު. މިއަދުގެ ނިންމުމާއި އެކީގައި 200 މޭލަށް ބޮޑުވެގެން އެދިޔައީ. އަޅުގަނޑުމެންނަށް ހާއްސަ އިގްތިސޯދީ ސަރަހައްދެއް ކަނޑައެޅިގެން އެ ދިޔައީ. ކުރީގައި އެއީ އެންމެން ބޭނުން ކުރާ ސަރަހައްދެއް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭން ބައެއް ގެއްލޭ ކަމަށް ވާނީ މިހާރު މި ލިބުނު ސަރަހައްދުން ބައެއް ގެއްލޭ ކަމަށް ވަންޏާ ކަމަށެވެ.

ރައީސް ވިދާޅުވީ، މިއަދު ރާއްޖެއަކީ ބައިނަލް އަޤުވާމީ ހަމަތަކާއި މިންތަކާ އެއްގޮތަށް އިންވަކިކުރެވިފައިވާ ފުރިހަމަ ޤައުމަކަށް ބަދަލުވެގެން ދިޔުން އެއީ ދިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށާއި މިސަރުކާރަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން އޮންނަ ކަމެއްގައި މަޖިލީހުގެ ލަފާ ހޯދާ ކަމަށެވެ. ޗާގޯސް މައްސަލާގައި ދެ ފަހަރު މަޖިލީހާ މައުލޫމާތު ހިއްސާ ކުރި ކަމަށާއި މިކަމާ ގުޅިގެން ކެބިނެޓުގައި ކުރި ކޮންމެ މަޝްވަރާއެއް މަޖިލީހާ ހިއްސާ ކުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ޗާގޯސް މައްސަލާގައި މިރޭ ބޭއްވި ކެބިނެޓް ބައްދަލުވުން

މީގެ އިތުރުން ވެސް އެ ނިންމުމާ ދެކޮޅަށް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕއްގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 94،000 އަކަމީޓަރުގެ ބައެއް ގެއްލިފައިވާ ކަަމަށެވެ. އެ މައްސަލަ ނިމުނީ ރާއްޖެއަށް ރަނގަޅަށް ކަމަށް ވިދާޅުވެ ވާހަކަ ދައްްކަވާ މެމްބަރުން އެ ކުރައްވާ ކަމަކީ ރައްޔިތުންނަށް އޮޅުވައިލުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.

މި މައްސަލާގައި މިއަދު އިޓްލޮސް އިން ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ.