ހިޔާ ފްލެޓްތަކުގެ އަގު އަދި ކުޑަނުކުރާ ކަމަށާއި އެހެން ނަމަވެސް އަގު ކުޑަކުރުމުގެ ގޮތްތަކެއް ހޯދިފައިވާ ކަމަށާއި، ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިތަކެއް ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ އަގު ކުޑަކުރުމަށް މަޝްވަރާތަކެއް ކުރާތާ ދުވަސްކޮޅެއްވެއްޖެ ކަމަށެވެ. އަދި ހިޔާ ފްލެޓްތަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ގެއްލުން ނުވާނެ ގޮތަށް އަދި ސަރުކާރަށް ވެސް ގެއްލުން ނުވާނެ ގޮތަށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ކުއްޔަށް އުޅޭ މީހުންނަށް ލުއިތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލު އަދި އާންމު ނުކުރާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެކަން އާންމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިބަލަނީ ހިޔާ ފްލެޓްތަކުގެ ހަރަދު 25 އަހަރަށް އިތުރުކުރީމަ އަންނަ އަދަދު ކުޑަކުރެވޭތޯ. އަދިވެސް ކުޑަކުރެވޭނެ ގޮތް ހުންނާނެ. އަޅުގަނޑުމެންނަށް މަޝްވަރާކޮށް ހޯދުނު ފޯމިއުލާއެއް އެއީ. އެ އަގު ވަރަށް އަވަހަށް ހާމަކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

"ހިޔާ ރައްޔިތުންގެ ގުޅުން" ޔޫނިއަންއާއެކު މިދިޔަ މަހު ރައީސް ބޭއްވެވި ބައްދަލުވުމުގައި ފްލެޓްތަކުގެ ކުލި ކުޑަކުރައްވާނެކަމުގެ އިޝަރާތެއް ވެސް ވަނީ ދެއްވާފަ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ.