އޭޕްރިލް މަހުގެ 28 ވަނަ ދުވަހަކީ ވެރިން ރާއްޖެއަށް ޣައްދާރުވި ކަޅު ދުވަހެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ، ރާއްޖެ އާއި ޗާގޯސް އައިލެންޑްސް އާދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގައި، އީޒެޑް ސަރަހައްދުން ބޮޑު ސަރަހައްދެއް ރާއްޖެއަށް ގެއްލޭ ގޮތަށް ނިންމުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ތައުލީމާއި ފުދުންތެރިކަން ލިބިފައިވާ ރާއްޖެ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށެވެ. އަދި މިއަށް ވުރެ މާބޮޑަށް ބައިމަދު، ދުނިޔެއަށް ލޯނުހުޅުވި އޮތް ކަމަށް ބުނާ ޒަމާނުގައި ވެސް ދިވެހިން އެތައް ގުރުބާނީއެއްވީ ގައުމު ދޫކޮށް ނުލާން ކަމަށް ސައީދު ވިދާޅުވި އެވެ.
"މިސާލަކަށް ރާއްޖެ މިއީ އެމެރިކާ، އިންޑިއާ، ޗައިނާ، ނުވަތަ ހުޅަނގުގެ ބާރުގަދަ ޤައުމެއްނަމަ، އިއްޔެ ދިވެހިންގެ އަތުން ތާއަބަދަށް ބީވެގެންއެދިޔަ 40،000 އަކަ ކިލޯމީޓަރު ކީއްކުރަން، އެންމެ އިންޗިއެއްގެ މިންވަރު ވެސް ދޫކުރީސް ހެއްޔެވެ؟ ކުޑަމިނުން އެ މީހުން ބުނީސް…”މިލްކުވެރިކަން ކަށަވަރު ނުވާ ޗާގޯސް އެހެންއޮއްވާ، ކިހިނެއްތޯ މާދުރުގަ އޮތް އެފްރިކާގެ ގައުމަކާ ދިވެހިން މަސްކަނޑުގެ އެންމެ އަގުހުރި ހަޒާނާ ތާއަބަދަށް ދޫކުރާނީ.؟" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އިއްޔެ ރާއްޖޭން ގެއްލިގެން ދިޔައީ ހަމައެކަނި 40،000 އަކަ ކިލޯމީޓަރު، ނުވަތަ މަހަކު 60 ފަހަރު ދިވެހިން މަހަށް ނިކުންނަ ކަނޑު އެކަންޏެއް ނޫނެވެ.
އޭނާ ވިދާޅުވީ، މިނިވަން ގަލަންތަކުގެ ދެލި ވެސް ފައިސާގެ ކުރިމަތީ މިހާރު ހިކި އަނަރޫފަ ވެފައިވާ ކަމަށެވެ. އަދި 28 އޭޕްރިލް އަކީ ކަޅު ދުވަހެއް ކަމަށާއި، އެ ދުވަހަކީ، ތާއަބަދަށް ވެރިން ރާއްޖެއަށް ޣައްދާރުވި ކަޅު ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ޖެހޭނެ ދުވަހެއް ކަމަށް ސައީދު ވިދާޅުވެފައިވެ އެވެ.