މޯލްޑިވްސް މީޑިއާ ކައުންސިލަށް މީޑިއާތައް ތަމްސީލު ކުރެއްވުމަށް މެންބަރަކާއި އާންމުންގެ ތެރެއިން ދެ މެންބަރަކު އިންތިހާބު ކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް އައު މެމްބަރުން ހޮވުމަށް މިއަދު ވަނީ އިންތިހާބު ބާއްވާފަ އެވެ. ވެލާނާގެ ގްރައުންޑް ފްލޯރގައި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.

މި އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށްޓަކައި ދެ ބޭފުޅަކު ކުރިމަތި ލައްވާފަ އެވެ. އަދި ކައުންސިލްގައި ހިމެނޭ އާންމު މެންބަރު ކަމަށް ހަތަރު ފަރާތަކުން ވަނީ ކުރިމަތި ލައްވާފަ އެވެ.

މީޑިއާތައް ތަމްސީލު ކުރެއްވުމަށް އިންތިހާބުގައި ވާދަކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރެއްވީ ހަބަރު އޮންލައިން އިން ވާދަކުރެއްވި ކެނޑިޑޭޓް ނަންބަރު 1 އަލީ އާދަމް، ކާށިދޫގެ، ހދ.ކުޅުދުއްށި އެވެ. އަލީ އާދަމްއަށް ލިބިވަޑައިގެންނެވީ 64 ވޯޓެވެ.

އާންމުންގެ ތެރެއިން މީޑިއާ ކައުންސިލަށް މިއަދު އިންތިހާބު ކާމިޔާބުރެއްވީ 49 ވޯޓު ލިބިވަޑައިގެންނެވި ޖައިލަމް ތައުފީޤް، ބަސަރީ ހިޔާ، ފ.ބިލެތްދޫ އާއި 43 ވޯޓު ލިބިވަޑައިގެންނެވި އަލީ އިސްމާއިލް، ރޯޝަނީގެ، ފ. ދަރަނބޫދޫ އެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށްޓަކައި 85 ފަރާތަކުން ރަޖީސްޓްރީ ކޮށް 72 ފަރާތަކުން ވޯޓުލާފައިވެ އެވެ.

މީޑިއާ ކައުންސިލަށް ތިން މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިހާބަކީ މޯލްޑިވް މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލް ކުރައްވާ މެންބަރަކާއި އާންމުންގެ ތެރެއިން މީޑިއާގައި ތިއްބަވާ ދެ މެންބަރުން އިންތިހާބުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން މެންބަރުން އިންތިހާބު ކުރުމަށްޓަކައި ބޭއްވި އިންތިހާބެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.