ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް މާދަމާއިން ފެށިގެން ބޮޑު ކުރަން ނިންމައިފި އެވެ.

މިއަދު ދެއްވި ވީޑިއޯ ހިތާބެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މީގެ ކުރިން ސީނިއާ ރެޖިސްޓާޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާ ކަމަށެވެ. މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރު ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ސީނިއާ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ ކަމަށާއި މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މާދަމާއިން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ ކަމަށާއި މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އިއުލާނު ކުރައްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އަކީ އެ ދާއިރާގެ މުވައްޒަފުން ކުރާ މަސައްކަތާ އަޅާ ބަލާއިރު އެކަށޭނަ މުސާރައެއް ނޫން ކަމަށެވެ. މި ބަދަލާ އެކު އަހަރަކު 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އިތުރަށް ހަރަދު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.