ސާޖަރީ ހަދައި ހުންނަ ގޮތް ބަދަލު ކުރެވުމުން އެކަމާ އުމުރަށް ހިތާމަކުރަން ޖެހިފައިވާ ކަމަށް މަޝްހޫރު "ކައިލީ ކޮސްމެޓިކްސް"ގެ މިލްކުވެރިޔާ އަދި ރިއަލިޓީ ތަރި، ކައިލީ ޖެނާ ބުނެފި އެވެ.

ހޫލޫގެ "ދަ ކާޑޭޝިއަންސް"ގެ ތިންވަނަ ސީޒަންގައި ކައިލީ ވަނީ އެނާގެ ސާޖަރީތަކާ ގުޅިގެން ވާހަކަދައްކާފަ އެވެ. އޭނާ ބުނިގޮތުގައި މުޅި ދުނިޔޭގައި ރީތިކަމަށްޓަކައި މީހުން ބަލަމުންގެންދާ ގަވާއިދުތަކާ ގުޅިގެން ވާހަކަ ދައްކަން ޖެހެ އެވެ.

"އެންމެން ވެސް އެބަޖެހޭ ދުނިޔޭގައި މިހާރު މިގެންގުޅޭ ބިއުޓީ ސްޓޭންޑާޑާ ގުޅޭގޮތުން މަޝްވަރާކުރަން،" ކައިލީ، އޭނާގެ ދައްތަމެންނާ މުހާތަބުކުރަމުން ބުނެފައިވެ އެވެ.

ކައިލީ ދެން ބުނީ، ކައިލީ އުޅުނު ގޮތަށް އޭނާގެ ފަސް އަހަރުގެ ދަރިފުޅު ސްޓޯމީ އުޅެން ނޭދޭ ކަމަށެވެ.

ކައިލީ އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ ޕެރިސްގައި ބޭއްވި ފެޝަން ޝޯއެއްގައި ބައިވެރިވަނިކޮށެވެ. އަދި އޭނާގެ މޫނަށް ފަހަކަށް އައިސް އާދަޔާ ހިލާފު ބަދަލެއް އައިސްފައިވާ ކަމަށް އާންމުން ބުނަމުންދިޔަ އެވެ.

އެގޮތުން ކައިލީގެ މޫނުމަތިން މުސްކުޅި ކަމަށް ދައްކާ ސިފައެއް ހުރިކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ކައިލީ ވަނީ ކޮލުގެ ހަންގަނޑުން ރޫފިލުވުމަށާއި، މަސްޖަހާފައިވާ ކަމަށް ދެއްކުމަށް ކޮލަށް ފިލިންގްސް ލާފަ އެވެ.

ނަމަވެސް ކައިލީގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވުމުން އޭނާ ވަނީ ފިލިންގްސްތައް ނަގާފަ އެވެ. އެއާއެކު އޭނާގެ މޫނުމަތިން ވަރަށް ބޮޑަށް އެކަން ފާޅުވެ، މުސްކުޅިކަމަށް ދައްކަ އެވެ.