ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުންކުރި ބާޖެއް ވިލިމާލެ ފަރަށް އެރި ކަމަށް ދެކެވޭ ވާހަކަ އެފްކޮންސް އިން ދޮގުކޮށްފި އެވެ.
ރޭގެ ވަގުތެއްގައި ބާޖު ފަރަށް އެރިކަމުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވެސް ދައުރުވި އެވެ. އަދި އެ ނެގުމަށް ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ.
މިޚަބަރުތަކާ ގުޅިގެން އެފްކޮންސްއިން ބުނީ ބާޖު ފަރަށް ނާރާ ކަމަށާއި އޭގެ ނަގިލި ކަހާލީ ކަމަށެވެ.
އެފްކޮންސް އިން ބުނީ އުޅަނދު ދިޔައީ ވިލިމާލެ ފަރު ކައިރިންކަމަށާއި ވިލިމާލޭ ފަރަށް ނާރާކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ޑައިވަރުން އެ ސަރަހައްދަށް ފައިބައިގެން ފަރަށް އެއްވެސް ގެއްލުމެއް ލިބިފައި ހުރިތޯ ބަލަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރުގެ އޮސްޓް މަހު ވެސް އެކުންފުނިން މާލެ-ވިލިމާލޭ ބްރިޖުގެ ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ބިޔަ ރާޅުތަކާއެކު ވިލިމާލޭ ފަރަށް އަރާ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. އެފަހަރު ޕްލެޓްފޯމު ފަރުމަތިން ފުންކުރީ 12 ދުވަސް ފަހުންނެވެ. އެފަހަރު ލިބުނު ގެއްލުމަށް އެފްކޮންސް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކައި ހަލާސްކުރަން އެއް މަސް ދުވަހުގެ މުއްދަތެއް އޭރު ވަނީ ދީފަ އެވެ. ނަމަވެސް އެފައިސާ މިހާތަަނަށް ދެއްކި ކަމެއް ނޭނގެ އެވެ.