ކުރީގެ ރައީސް އަބްދުﷲ ޔާމީން ކ. މާފުށީގައި ހުންނަވާ ހުންނަވާ ޖަލު ގޮޅީގެ ފާހާނާގައި ކެމެރާ ހަރުކޮށްފައި ނުހުންނާނެ ކަމަށާއި އެތަނުގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް ބުނެ ފަތުރާ ވާހަކައަކީ ދޮގެއް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާއިރު އެކި ގޮތްގޮތުން އެމަނިކުފާނަށް އެތަނުގައި ތިބޭ މީހުން މެދުވެރިކޮށް ވެސް ދުއްތުރާކުރަމުން ގެންދާ ކަމަށެވެ. އަދި ރައީސް ޔާމީން ހުންނަވާ ޖަލު ގޮޅި އާއި ފާހާނާގައާއި ގޮޅިތެރޭގައި ވެސް ކެމެރާ ހަރުކޮށް، އެ ހުރިހާ މަންޒަރެއް މޮނިޓަކުރަމުން ގެންދާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައި އެވެ.
މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު "ހުރިހާ" އަށް މިއަދު ވިދާޅުވީ ޖަލުގައި ރައީސް ޔާމީންގެ ގޮޅީގެ ފާހާނާގައި ކެމެރާ ހަރުކޮށްފައި ނުހުންނާނެ ކަމަށާ އެއީ ދޮގެއް ކަމަށެވެ. އަދި ގޮޅި ތެރޭގައި ވެސް ކެމެރާ ހަރުކޮށްފައި ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ ރައީސް ޔާމީނަށް ޖަލުގައި އެއްވެސް އޮފިސަރެއް ލައްވާ އަނިޔާއެއް ދެމުންނުދާ ކަމަށެވެ. އަދި އެއީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފާހާނާގައި ކެމެރާ ހަރުކޮށްފަ އެއް ނުހުންނާނެ. އެއީ ހުސް ދޮގު. ފޯރިމަރަމުން ގެންދާނީ ޑިއުޓީއަށް ތިބޭ ކުދިން،" ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވި އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް މިސަރުކާރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަޑީގައި ހުންވައިގެން ތަފާތު އެކި ގޮތްގޮތުން އަނިޔާ ދެމުންދާ ކަމަށެވެ.
އަދުރޭގެ މި ވާހަކަތަކަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ޔާމީންނަކީ ޖަލުގައި ތިބި ގައިދީގެން ތެރެއިން މިހާތަނަށް އެންމެ ގިނަ ހިދުމަތްތަކެއް ދެވެމުންދާ އެއް ބޭފުޅާ ކަމަށެވެ.