ރޮބާޓް ޑައުނީ ޖޫނިޔާ (އާރްޑީޖޭ) އަކީ ހޮލީވުޑްގައި ބޮޑު މަޝްހޫރުކަމަކާއި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ.

އޭނާ ކުޅުނު 'އަޔަން މޭން'ގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާއިރު، ހާއްސަގޮތެއްގައި އޭނާ އަކީ ޒުވާނުންނަށް އެންމެ ކަމުދާ އެއް ފަންނާނެވެ.

އެހެންނަމަވެސް އޭނާގެ އެކްޓިންގެ ކެރިއަރު އަޑިއަޅާލައި، ގެއްލުމެއްގެ ތެރެއަށް ރޮބާޓް ވެއްޓުނު ވާހަކަތަކަކީވެސް ދޭތެރެއިން ދެކެވޭ ވާހަކަތަކެކެވެ. އެގޮތުން، ރޮބާޓް، މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ގާނޫނީ ގޮތުންވެސް ގިނަ ގޮންޖެހުންތަކާ އޭނާ ކުރިމަތިލާން ޖެހުނެވެ.

ގިނަ ބަޔަކަށް ނޭނގޭ ހަގީގަތަކީ އޭނާ މަސްތުގެ ތެރެއަށް ވަންނަން މެދުވެރިވި ސަބަބެވެ.

ރޮބާޓް މަސްތުގެ ޝިކާރައަކަށްވީ އޭނާގެ އުފަން ބައްޕަ، ރޮބާޓް ޑައުނީ ސީނިއާގެ ސަބަބުންނެވެ. ރޮބާޓަށް އޭނާގެ ބައްޕަ އެންމެ ފުރަތަމަ މަސްތުވާތަކެތި ބޭނުންކުރަން މަޖުބޫރު ކުރުވީ، އޭނާގެ އުމުރުން އެންމެ އަށް އަހަރުގަ އެވެ. އެގޮތުން މަސްތުވާތަކެއްޗާއި ބަނގުރާ ގަދަކަމުން ބޭނުން ކުރުމަށް ރޮބާޓަށް އޭނާގެ ބައްޕަ މަޖުބޫރު ކުރި އެވެ.

އެހެންނަމަވެސް ރޮބާޓް ވަނީ އެކަމުން ސަލާމަތްވެފަ އެވެ. އަދި އޭނާގެ ބައްޕަވެސް މަސްތުވުމުން ސަލާމަތްވެ، މާޒީއާ ދޭތެރޭ ހިތާމަކުރާކަމަށް އިނގިރޭސި ނޫސްތަކަށް މައުލޫމާތުދެމުން ބުނެފައިވެ އެވެ.