ވޭޕް ކުރުމާއި އީ ސިނގިރޭޓް ބޭނުން ކުރުން ކޮނަޓްރޯލް ކުރުމަށް އޮސްޓްރޭލިއާއިން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ.
މިގޮތަށް އޮސްޓްރޭލިއާއިން ނިންމާފައިވަނީ ޒުވާނުން މެދުގައި ވޭޕް ކުރުމާއި އީ ސިނގިރޭޓް ބޭނުންކުރާލެން އިތުރުވުމާއި ގުޅިގެން ދިމާވާ ސިއްހީ މައްސަލަތައް މަދުކުރުމަށްޓަކަ އެވެ.
މިގޮތުން ވޭޕިންއާ ދެކޮޅަށް ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރެއިން ވޭޕްކުރުމާ ގުޅޭ އާންމު މިންގަނޑެއް އެކުލަވާލައި ވޭޕިން އަށް ބޭނުންކުރާ ތަކެތި ފާމަސީތަކުން ވިއްކުމުގައި ވެސް ހަރުކަށި އުސޫލުތަކެއް އެކުލަވައިލާނެ އެ ގައުމުގެ ސަރުކާރުން ހާމަކުރެ އެވެ. މިހާރު ވެސް ނިކޮޓިން އެކުލެވޭ ވޭޕިން އޮސްޓްރޭލިއާގެ ފާމަސީތަކުން ވިއްކަން ކަނޑައަޅާފައި އޮންނަނީ ޕްރިސްކްރިޕްޝަނަކާ އެކީގަ އެވެ.
އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު މާކް ބަޓްލާ ވިދާޅުވީ ވޭޕް ކުރުމަކީ މިހާރު އޮސްޓްރޭލިއާގެ މަތީ ސާނަވީ ގްރޭޑްތަކުގައާއި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ މެދުގައި މަދުން ނަމަވެސް އިތުރުވަމުންދާ ކަމެއް ކަމަށެވެ.
މާކް ވިދާޅުވީ ވޭޕިންއަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އޭގެއިން ދުރުހެލިވުމަށް ފަރުވާއެއްގެ ގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެހެން ނަމަވެސް، އޮސްޓްރޭލިއާގެ ޒުވާން ކުދިން ފެޝަނެއްގެ ގޮތުގައި ވޭޕްއަށް އެޑިކްޓްވަމުންދާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރައްވާފައިވެ އެވެ.
މީގެ އިތުރުން މާކް ވިދާޅުވީ އިއްޔެއިން ފެށިގެން އޮސްޓްރޭލިއާގައި ވޭޕް އެތެރެ ކުރެވޭނީ ފާމަސީތަކަށް އެކަނި ކަމަށެވެ. އަދި ފާމަސީތަކުން ވޭޕް ދޫކުރާނީ ޑޮކްޓަރެއްގެ ލަފާގެ މަތިން ދޫކޮށްފައިވާ ބޭސް ސިޓީތަކަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ހަމަ އެއާ އެކު، ޒުވާން ކުދިންނަށް އަމާޒުކޮށް ޕްރޮމޯޓްކުރަމުންދާ އެކި ފްލޭވަތަކާއި އެކި ކުލަކުލައިގެ ވޭޕްތައް ވިއްކުން މަނާކުރުމުގެ އިތުރުން ސިންގަލް ޔޫޒް އަދި ޑިސްޕޯޒަބަލް ވޭޕްތައް ވިއްކުންވެސް އޮސްޓްރޭލިއާގައި މަނާކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލާއެކު އޮސްޓްރޭލިއާއިން ވަނީ ސިނގިރޭޓް ބުއިން ހުއްޓުވުމަށް ހިންގާ ހަރަކާތްތަކަށް 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ވެސް ކަނޑައަޅާފަ އެވެ.
އީ-ސިނގިރެޓް ބޭނުންކޮށްގެން ވޭޕްކުރުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އިތުރުވަމުންދާ އިރު، މި ޕްރޮމޯޓްކުރަނީ އާންމު ދުންފަތުގެ އިސްތިމާލަށް ވުރެ ރައްކާތެރި ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސިނގިރެޓް ބޮއެގެން ލިބޭ ގެއްލުންތަކަށް ވުރެ ވޭޕިން އިން ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ.