ސަރުކަރު މަގާމުތަކުގައި ތިއްބެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިސްބޭފުޅުންތަކެއް އެ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވާފައިވާ ޕާޓީއެކެވެ.

މި ސަރުކާރުގެ މިނިސްޓަރުންގެ ގޮތުގައާއި އެކި ވުޒާރާތަކާއި ކުންފުނިތަކުގައި އެމްއާރުއެމްގެ ބޭފުޅުން ތިއްބަވާ އެވެ.

"ހުރިހާ" އަށް އެނގިފައިވާގޮތުގައި އެމްއާރުއެމް ސްލޮޓުގައި މިހާރު ސަރުކާރުގައި ތިއްބެވި 10 ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ޕާޓީ އަށް ސިޓީ ފޮނުވުމަށް ވަނީ ނިންމައިފަ އެވެ.

އެމްއާރުއެމްގެ ސްލޮޓުގައި ކެބިނެޓުގައި ތިއްބެވި ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންގެ ވެސް ޕާޓީއާ މެދު ހިތްހަމަ ނުޖެހުންތަކެއް ހުރި ނަމަވެސް ޕާޓީން ވަކިވެވަޑައިގަތުމަކަށް ނުނިންމަވަ އެވެ.

އެމްއާރުއެމްގެ ބައެއް ބޭފުޅުން ޕާޓީން ވަކިވާން ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމުގެ މައްސަލައިގަ އެވެ. މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އެމްއާރުއެމް ދޫކޮށްލައްވަނީ ރައީސް ސޯލިހުއަށް ތާއިދުކޮށް އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށެވެ. އަދި މިހާރު އެމްއާރުއެމް ހިނގެވަމުން ގެންދަވާގޮތާ މެދު މިބޭފުޅުންގެ މެދުގައި ހިތްހަމަ ނުޖެހުންތަކެއް އެބަހުއްޓެވެ.

ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން އެމްއާރުއެމް އިން ވަކިވުމަށް ނިންމަވާފައިވާއިރު، ރޭ 11:00 ހާއިރު އެމްއާރުއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް ވެސް މޫކައި ސުއިޓްސްގައި ރައީސް މައުމޫން ބާއްވަވާފައިވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއިދުކުރުމާއި ގުޅޭގޮތުން އެމްއާރުއެމް އިން އަދި ވަކިގޮތެއް ނިންމައިފައެއް ނުވެ އެވެ.