މިދިޔަ ހޯމަ ދުވަހުގެ ރޭ ހއ. ދިއްދޫ ފަރަށް، އެރި އެމްއެމް އެކްސްޕޯޓްގެ މުތާ ޕްރިންސަސް ޓަގު ރޭ ދަންވަރު ފުންކޮށްފި އެވެ.

ފަރަށް އެރި ޓަގު ބޯޓު ފުން ކުރީ އެހެން ޓަގު ބޯޓެއް ބޭނުން ކޮށްގެންނެވެ. ދިއްދޫ ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން ފަރު މަތީ އޮތް ޓަގު ބޯޓު ފުން ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް ދިޔަވަރު ހިކި ކަމުން އެ މަސައްކަތް ނުކުރެވުނު ކަމަށާއި އެންމެ ފަހުން ޓަގު ބޯޓު ފުންކުރެވުނީ ރޭ ދަންވަރު ބޮޑު ދިޔާގައި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އެޓަގު ބޯޓާއެކު އެރަށަށް ގެންދަން ހިލަ ބަރުކޮސްފައި އޮތް ބާޖެއް ވެސް ފަރަށް އަރާފައިވެ އެވެ. އެހެން ނަމަވެސް އެދުވަހު އެބާޖު ވަނީ ފުންކޮށްފަ އެވެ.

ދިއްދޫ ކައުންސިލުން ބުނީ ޓަގް ބޯޓާއި ބާޖް ފަރަށް އެރި މައްސަލަ އެންވަޔަރްމެންޓް މިނިސްޓްރީ އާއި އީޕީއޭ އަށް މިހާރު ހުށަހަޅަފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އެމްއެމް އެކްސްޕޯޓުގެ ބާޖަކާއި ޓަގު ބޯޓެއް 2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް އަރާފައިވެ އެވެ. އެފަހަރު އެކުންފުނި 110 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި އެވެ. އެފަހަރު އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި އެވެ.