މާލެއާއި ވިލިމާލޭގެ މަގުތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލްގެ 80 މުވައްޒަފުން ފަށާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަގުތަކުގައި މުވައްޒަފުން ނުވަތަ ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން (މަގުފާރަވެރިން)ގެ ގޮތުގައި ހަރަތްތެރިވާން ފަށާނީ މި މަހުގެ 15 އިން ފެށިގެން ކަމަށެވެ.

މަގުފާރަވެރިންނަކީ އެ ކައުންސިލްގެ ދައުރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަމެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މިއީ މާލެ ސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގެ މަގުސަދުގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުއެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން މާލެ ސިޓީ އަކީ މާލެސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ނުކުމެ އަބަދުވެސް މަގުމަތި ބަލަހައްޓާ ޓްފެރިކްގެ ކަންކަން ވިޔަސް ޕާކިން ވިޔަސް ކުނީގެ މައްސަލަ ވިޔަސް އަދި ނުގަވާއިދުން ޕޭވްމެންޓް މަތީގައި ބަހައްޓާފައި ހުންނަ ތަކެތީގެ މައްސަލަ ވިޔަސް ރައްކާތެރި ނޫން ގޮތަކަށް އިމާރާތެއްގެ މަސައްކަތް ކުރުންކަމަށް ވިޔަސް މަގުމައްޗަށް ހުންނަ ހުރިހާ މައްސަލައެއް ބަލާނެ ޓީމެއް އުޅެންވާނެ. މިހެން ބެލެހެއްޓީމަ މަގުމަތީގެ މައްސަލަތައް ހައްލުކުރުމަށް އެބަ އެޅޭ މުހިންމު ފިޔަވަޅެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މަގުމަތީގެ ކަންކަން ބަލަހައްޓާނެ މީހަކު ނެތުމުން މަގުމަތީގައި ދިމާވާ ކަންކަން ރިޕޯޓުކުރަން ޖެހެނެ އާންމު ރައްޔިތުންނަށް ކަމަށެވެ. އެހެން ނަމަވެސް މަގުތައް މޮނިޓާ ކުރާ ނަމަ މިފަދަ މައްސަލަތައް މަދު ކުރުމަށް އެހީވެދޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.