ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެރޭ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޭނާ ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިމަތިންނެވެ. އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވެ އެވެ.
އެ މައްސަލާގައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް 2016 ވަނަ އަހަރު ވަނީ ދަމަހައްޓައިފަ އެވެ.
ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވެގެން ވަނީ ދޫކޮށްލައިފަ އެވެ.
ހުމާމުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މަހު ފަހުކޮޅުއެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްތައް ރިވިއު ކުރަނީ ވަރަށް މަދު ހާލަތްތަކެއްގަ އެވެ.